ބޭންކް އޮފް މޯލްޑިވްސުން މިދިޔަ އަހަރުގެ ޙިއްޞާގެ ފައިދާއިން ޙިއްޞާއަކަށް 17 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓްގައި ބޭއްވި އެ ބޭންކްގެ 2015 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ޙިއްޞާއަކަށް 17 ރުފިޔާ ބެހުމަށް ފާސްކޮށްފައިވަނީ މިދިޔަ އަހަރު ޙިއްޞާގެ ފައިދާގެ ގޮތުގައި ލިބިފައިވާ 91.4 މިލިއަން ރުފިޔާއިންނެވެ.
ބީއެމްއެލްއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 932 މިލިއަން ރުފިޔާ ލިބިފައިވާއިރު ޙިއްސާދާރުންގެ މެދުގައި ބަހަން ނިންމާފައިވަނީ އޭގެ ތެރެއިން 91.4 މިލިއަން ރުފިޔާއެވެ. ބީއެމްލއެލްއަށް ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އަދަދަކީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު 29 އިންސައްތަ އިތުރު ޢަދަދެކެވެ.
އަހަރީ ޢާންމު ޖަލްސާގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ 2015 ވަނަ އަހަރު ބީއެމްއެލުން ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ކުރީ ކޮޅު ވ.ފެލިދޫގައި ހުޅުވި އެބޭންކުގެ ބުރާންޗާއި އެކު މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ ބޭންކުގެ ބުރާންޗުތައް ޤާއިމްކުރެވިފައިވާ ކަން އެންޑްރޫ ފާހަގަކުރެއްވިއެވެ. އެންޑުރޫ ވިދާޅުވީ އެ ބޭންކުގެ ސެލްފް ސަރވިސް އޭޓީއެމްތަކުގެ ޢަދަދު 14 އަށް އަރާފައިވާއިރު މިއަހަރުތެރޭ އަދި އިތުރު 8 ސެލްފް ސަރވިސް އޭޓީއެމް އަތޮޅުތެރޭގެ އެކި ރަށްރަށުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް ގެ އަހަރީ ޢާންމު ޖަލްސާގައި ބީއެމްއެލްގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ބަޔާންތައް ވަނީ ފާސްކޮށްފައެވެ. އަދި ބޭންކުގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާންސްޓް އެންޑް ޔަންގް ވަނީ އައްޔަނުކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން މިދިޔަ އަހަރުގެ ޙިއްސާގެ ފައިދާއިން ޙިއްސާއަކަށް 17 ރުފިޔާ ބަހަން ފާސް ކޮށްފައިވާ އިރު 2014 ވަނަ އަހަރުގެ ޙިއްސާގެ ފައިދާއިން ޙިއްސާއަކަށް ބަހާފައިވަނީ 16 ރުފިޔާއެވެ.