ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަބަދުވެސް ޤަދަރުކުރައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ ޓީވީއަކަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަންގު ޓީވީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ރައީސް ޔާމީނަށް އެކި ކަންކަމުގައި ދަތިކޮށް، އުނދަގޫކޮށް، އެކި ކަންކަމުގައި ކޯޓަށް ގެންދިޔައިރު ރައީސް ޔާމީންގެ ދިފާޢުގައި އެމަނިކުފާނު އަބަދުވެސް ހުންނެވިކަމަށެވެ. އަދި އެމަސައްކަތްކުރެއްވީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުން މިނިވަންކުރުމުގެ ނިޔަތުގައިކަމަށާއި، އެ ނޫން އެއްވެސް ނިޔަތެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަމިއްއަށް ރައީސް ޔާމީނަށް ދެންނެވިން އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް އިސް ދައުރެއް އަދާކޮށްދޭން ތައްޔާރަށް ހުންނެވިކަމަށް. ރައީސް ޔާމީން އެ ފުރުސަތު ދެއްވި. ޖަލަށް ގެންދިޔައީމަ މިނިވަންކުރުމަށް ކުރި ހުރިހާ މަސައްކަތެއްގައިވެސް ބައިވެރިން. ރައީސް ޔާމީނަށް އިއްވެވި ފުރަތަމަ ހުކުމް ބާތިލްކުރުމަށް ސުޕްރީމް ކޯޓުން ނިންމެވި ހިސާބުން ވަރަށް އުފާވެރި އިހުސާސްތަކެއް ކުރެވުނު. އެއީ އެހާ ދުވަހު އެ މަސައްކަތުގައި އުޅެވުނީމަ" ރައީސް ޔާމީންގެ ހައްގުގައި ކުރެއްވި މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޭރު އިދިކޮޅުގައި ޕީޕީއެމް އޮވެގެން ރައީސް ޔާމީންގެ ހައްގުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއްގައި އަމަލީގޮތުން އެހީތެރިވުމުގެ އިތުރުން، މާލީގެ ގޮތުންވެސް އެހީތެރިވެދެއްވިކަމަށެވެ.
"އިބްރާހިމް މުހައްމަދު ސާލިހުގެ ފޯނުގައި ހުންނާނެ ޑިލީޓްނުކުރަންޏާ އަޅުގަނޑު ފޮނުވި ހުރިހާ މެސެޖެއް. އެތައް މެސެޖެއް ހުންނާނެ. ރޯދައަށް ގެއަށް ގެނެސްދިނުމަށާއި ދަރިފުޅުގެ އޯލެވެލް ކައިރިވާތީ، އޯލެވެލްއަށް ގެއަށް ގެނެސްދިނުމަށްވެސް ދެންނެވިން. ބާރު ހުރި ވަޒީރުންނަށްވެސް މެސެޖުކުރިން މުޒާހަރާކުރިއިރުވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިން. އަމަލީގޮތުންވެސް ފައިސާގެ ގޮތުންވެސް އެހީތެރިވެދިނިން ޕާޓީން ކުރަމުންދިޔަ މަސައްކަތަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އިންތިހާބުގެ ތެރެއިންވެސް އެންމެ ބޮޑަށް ގޮވާލަމުންދިޔައީ ރައީސް ޔާމީން މިނިވަންކުރުމަށްކަން ފާހަގަކުރެއްވިއެވެ. އަދި ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ އެންމެފަހު ދުވަހާއި ޖެހެންދެންވެސް މަސައްކަތްކުރެއްވީ ރައީސް ޔާމީން މިނިވަންކޮށް، އެމަނިކުފާނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދެއްވުމަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުވުމުންވެސް އެންމެ ފުރަތަމަ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެންނެވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށްކަމަށާއި އަދި އެކަންކަން ހިނގަމުންދިޔަ ގޮތް ގާތުން ބެއްލެވިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަކީ ރައީސް ޔާމީންގެ ކެބިނެޓްގައި ރެއާއި ދުވާލު މަސައްކަތްކުރެއްވި ބޭފުޅެއްކަމަށާއި، ހަވާލު ކުރެއްވި ކޮންމެ މަސައްކަތެއްވެސް އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު އަދާކުރެއްވިކަމަށެވެ. އަދި ރައީސް ޔާމީނާމެދު އެމަނިކުފާނުގެ ހިތުގައި އަބަދުވެސް އޮންނާނީ ޤަދަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އޭރުވެސް މިއަދުވެސް އަދި މާދަމާވެސް އެމަނިކުފާނާމެދު އަޅުގަނޑުގެ ހިތުގައި އޮންނާނީ ގަދަރު. އަބަދުވެސް އޮންނާނީ ޤަދަރު" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސް ޔާމީން އަރިހުގައި މަސައްކަތްކުރެއްވިއިރު އަބަދުވެސް ކަންކަން ކުރެއްވީ ރައީސް ޔާމީން ވިދާޅުވާ ގޮތަށްކަމަށާއި، އެ ނޫން އެއްވެސް ގޮތަކަށް މަސައްކަތްކޮށްފައި ނޯންނާނެކަމަށެވެ. އަދި ހަޤީޤަތާއި ހިލާފު ވާހަކަތަކެއް ބަޔަކު ދެއްކިނަމަވެސް، ކަންކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް އޮޅޭނެ ޖާގައެއް ނެތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.