އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންނަށް އެމްއެންޑީއެފުން ހިންގި، އިސްނެގުމުގެ ހުނަރު ތަރައްޤީ ކުރުމުގެ ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓްދީފިއެވެ.
މިކަމަށްޓަކައި ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ އޭސީސީގެ ޚިދުމަތަކީ ޤައުމެއްގައި ވަރަށް މުހިންމު ޚިދުމަތެއް ކަމަށާއި ރާއްޖޭގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި އޭސީސީން ކުރަމުންދަނީ މުހިންމު މަސައްކަތެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް އަމަލުކުރައްވަމުންގެންދަވާ ބޭކަލުން ސިފައިންގެ ތެރޭގައި ތިއްބެވުމުން އުފާކުރައްވާ ކަމަށާއި އަސްކަރިއްޔާގައި ނަހަމަ ގޮތުގައި މަސައްކަތް ކުރަން އުޅޭނަމަ އެފުރުސަތު ނޯންނާނެކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ އޭސީސީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ނަޒާހަތްތެރިކަމުގެ ސިފަ ހުރި ރައްޔިތުން މި ޤައުމުގައި މަދުކަން ކަމަށާއި މި ސިފަ އަށަގެންނެވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށެވެ.
މި ރަސްމިއްޔާތުގައި، މި ތަމްރީނު ޕްރޮގްރާމް ހިނގައިދިޔަ ގޮތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާލާފައެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މާލޭ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުއް ރަޢޫފެވެ. މީގެ އިތުރުން މި ޕްރޮގްރާމުން ވަނަ ވަނަ ހާސިލްކުރި ފަރާތްތަކަށް އެވޯޑު ޙަވާލުކޮށްދެއްވީ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.
މިމަހުގެ 26 ން 28 އަށް ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ހިންގި، އިސްނެގުމުގެ ހުނަރު ތަރައްޤީ ކުރުމުގެ މި ޕްރޮގްރާމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގައި މަސައްކަތްކުރައްވާ 42 ފަރާތަކުން ބައިވެރިވެ، ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.