ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ "އަކްރިސް" ބޯޓު އިންޖީނު ހުއްޓިފައިއޮއްވާ ފެނިއްޖެ


  • ބޯޓު ގެއްލިގެން ހޯދަން ފެށީ ރޭގެ ވަގުތެއްގައި

  • ބޯޓު ފެނުނީ މ. ރަތްމަންދޫ ބޭރުން

ގެއްލިގެން ހޯދަމުންދިޔަ "އަކްރިސް" ބޯޓު ފެނިއްޖެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

"އަކްރިސް" ބޯޓު ގެއްލިގެން ހޯދަންފެށީ މިމަހުގެ 29 ވަނަ ދުވަހު ފަތިހު ލ.ގަމުން ފުރައިގެން މާލެއަށް ދަތުރުކުރުފެށިފަހުން ޚަބަރެއް ނުވެގެންނެވެ. އެބޯޓު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ރޭ 07:10 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ބޯޓު އޮތް ސަރަހައްދު ހޯދިފައިވާކަމަށާއި، އެގޮތުން މ. ރަތްމަންދޫގެ އިރުން 22 ނޯޓިކަލް މޭލު ބޭރުގައި އިންޖީނު ހުއްޓިފައިވަނިކޮށް ކޯސްޓްގާޑުގެ އިންޓަރސެޕްޓަރ އުޅަނދަށް ފެނިފައިވާކަމަށެވެ. އެ ބޯޓުން ދަތުރުކުރި 14 މީހުންގެ ޙާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން އަންނަނީ އެ ބޯޓަށް އެހީތެރިވަމުންނެވެ.