ޚަބަރު

ޝަރުޢީ ދާއިރާއާއި އިސްލާމިކް މިނިސްޓްރީގެ ގުޅުން ވަރުގަދަވާންޖެހޭ


ޝަރުޢީ ދާއިރާއާއި ދީނީ ކަންކަން ބަލަހައްޓަވާ ވުޒާރާއާ ދެމެދު އޮންނަ ގުޅުން ވަރަށް ވަރުގަދަވާން ޖެހޭނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ  ޖުޑީޝަރީން އިންތިޒާމްކުރައްވައިގެން ރަމަޟާން މަހަށް މަރުހަބާ ކިއުމުގެ ގޮތުން ތީމުގޭގައި ބޭއްވެވި "ފަނޑިޔާރުގޭ އެކުވި މާހެފުން 1437" ފެއްޓެވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަމަޟާން މަހަށް މަރުހަބާކިޔުމަށް "ފަނޑިޔާރުގޭ އެކުވި މާހެފުން 1437"ގެ ނަމުގައި ބޭއްވި މާހެފުމަކީ މާލޭގެ ޝަރުޢީ ކޯޓްތަކުގެ ފަނޑިޔާރުންނާއި، މުއައްޒަފުންނާއި، ޝަރުޢީ ދާއިރާގެ އެހެނިހެން އިދާރާތަކުގެ މުއައްޒަފުންނާ ޢާއިލާތަށް ހިމެނޭގޮތަށް ބޭއްވެވި ފުރަތަމަ މާހެފުމެވެ. މިއީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ ހުށައެޅުއްވުމަކަށް އިޖާބަދެއްވުމުގެ ގޮތުން ބޭއްވެވި މާހެފުމެއްކަމަށް ޖުޑީޝަރީން މަޢުލޫމާތުދެއްވައެވެ.

މިމާހެފުން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ އިސްލާމީ ޤައުމެއްގައި ޝަރުޢީ ދާއިރާއާއި ދީނީ ކަންކަން ބަލަހައްޓަވާ ވުޒާރާއާ ދެމެދު އޮންނަ ގުޅުން ވަރަށް ވަރުގަދަވާން ޖެހޭނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. އަދި މިގުޅުން ހަރުދަނާ ކުރައްވައި އިތުރަށް ވަރުގަދަ ކުރެއްވުމަށް އުއްތަމަ ފަނޑިޔާރު އިސްނަންގަވައި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ނަތީޖާ ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިސްލާމީ އުއްމަތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވަމުންދާއިރު، މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރައްވައި، ނަފްސު ހެޔޮމަގަށް އަނބުރާލުމަށް ލިބޭ މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފް ވިދާޅުވީ ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގެ މުއައްޒަފުންނަކީ ވަރަށް ތަފާތު މަސައްކަތްތަކެއް ކުރައްވާ ބައެއްކަމުން ގުޅިގެން މިފަދަ ހަރަކާތްތައް ބޭއްވުމަށް ސުޕްރީމް ކޯޓުން ބާރުއަޅުއްވާކަމުގައެވެ. އަދި މިފަދަ ކަންކަން އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓްތަކަށް އަމާޒުކުރައްވައިގެން ބޭއްވެވުމަށްވެސް ސުޕްރީމް ކޯޓުން އިސްކަން ދެއްވާކަމުގައި ވިދާޅުވިއެވެ.

"ފަނޑިޔާރުގޭ އެކުވި މާހެފުން 1437" ގައި ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގެ ގިނައަދަދެއްގެ މުއްޒަފުންނާއި ޢާއިލާތަކުން ބައިވެރިވެފައިވާއިރު، މިމާހެފުން ކުރިއަށްދިޔަ ވަގުތު ކުޑަކުދިންނަށް ޚާއްޞަކޮށްގެން އެކި ކުޅިވަރު ހަރަކާތްތައްވެސް ވަނީ ހިންގާފައެވެ.