ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން ރޭ ބާއްވާފައިވާއިރު, މި ސީޒަނުގައި އައު ފޯމެޓަކާއެކު ފޯރިގަދަ މެޗުތަކެއް ފެނިގެންދާނެއެވެ.
މީގެ ކުރިން 32 ޓީމު ވާދަކުރާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުމުގެ ހަފްލާ ރޭ ސްވިޒަލޭންޑްގެ ޒިއުރިކްގައި ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަ 36 ޓީމު ބައިވެރިކޮށްގެންނެވެ. މިއިން ކޮންމެ ޓީމެއް މި ފަހަރުގެ މުބާރާތުގައި ލީގު އުސޫލުން އަށް މެޗު ކުޅޭއިރު ކޮންމެ ޓީމެއްވެސް އަމިއްލަ ދަނޑުގައި ހަތަރު މެޗު ކުޅޭނެ އެވެ. އަނެއް މެޗުތައް ކުޅޭނީ ރަށުން ބޭރުގައެވެ.
ޖުމްލަ ހަތަރު ޕޮޓަކަށް ބަހާލައިގެން އެކި ރޭންކްތަކުގެ ޓީމުތައް ސީޑުކޮށްފައިވާ ގޮތަށް ބެލުމަށްފަހު ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ގިނަ މެޗުތަކެއް ކުޅެވޭ ގޮތަށެވެ. އެހެންކަމުން ލީގު އުސޫލުން ކޮންމެ ޓީމެއްވެސް ކުޅޭ ފުރަތަމަ އަށް މެޗަށްފަހު, ގަދަ އަށެއް މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވާނެ އެވެ.
އަދި 9-24 އަށް ރޭންކް ވެގެންދާ ޓީމުތަކުގެ މެދުގައި ކުރިއަށްދާނީ ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދާ ނޮކްއައުޓް ޕްލޭއޮފް މެޗުތަކެކެވެ. މި މެޗުތަކުން މޮޅުވާ ގަދަ އަށް ޓީމަށް ދެވަނަ ބުރު ނުވަތަ ގަދަ 16 ގެ ފަހު އަށް ޖާގަ ލިބިގެންދާނެ އެވެ. މުބާރާތުގެ 25-36 އަށް ދާ ޓީމުތައް ޔޫރޮޕާ ލީގަށް ކޮލިފައިނުވެ މުބާރަތުން ކަޓާނެ އެވެ. އަދި ގަދަ 16 އިން ފެށިގެން މުބާރާތް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށްދިޔަ ފޯމެޓަށެވެ.
މި ފަހަރުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާއިރު ފޯރިގަދަ މެޗުތަކެއް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ލިވަޕޫލް އާއި ރެއާލް މެޑްރިޑްގެ ވަރުގަދަ މެޗުގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ރިޕްލޭ އެއް ކަމުގައިވާ ބޮރޫޝުއާ ޑޯޓްމަންޑް އާއި ރެއާލް މެޑްރިޑްގެ މެޗާއި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ކުޅޭ މެޗު ފާހަގަ ކުރެވެއެވެ.
މީގެ އިތުރުން ލިވަޕޫލް – އޭސީ މިލާން, ލިވަޕޫލް – ލެވަކޫސަން, އާސެނަލް – ޕީއެސްޖީ, ޔުވެންޓަސް – އިންޓަރ މިލާން, ބަޔާން މިއުނިކް – ޕީއެސްޖީ, ބަޔާން މިއުނިކް – ބާސެލޯނާ ފަދަ ފޯރިގަދަ މެޗުތަކެއް ފެނިގެންދާނެ އެވެ.
ޗެމްޕިއަންސް ލީގުގެ ފޯމެޓަށް ގެނައި ބަދަލާއެކު މީގެ ކުރިން 125 މެޗު ކުޅެމުން އައި މުބާރާތުގައި ދެން 189 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު, ފައިނަލަށް ދާ ޓީމުތައް 17 މެޗު ކުޅޭނެ އެވެ. މީގެ އިތުރުން ކުރިން ގްރޫޕް ސްޓޭޖްގެ މެޗުތައް ކްރިސްމަސްއަށް ނިންމާލި ނަމަވެސް ކުރިއަށް އޮތްތަނުގައި ލީގުގެ މެޗުތައް ޖެނުއަރީގެ ނިޔަލަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.