ޚަބަރު

ޗެލްސީ ބަލިވި ނަމަވެސް ކޮންފަރެންސް ލީގަށް ކޮލިފައިވެއްޖެ


ޔުއެފާ ކޮންފަރެންސް ލީގުގެ ޕްލޭއޮފްގައި ސްވިޓްޒަލަންޑުގެ ސާވެޓްއާ ދެކޮޅަށް ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން ބަލިވި ނަމަވެސް، ޗެލްސީ މުބާރާތަށް ކޮލިފައިވެއްޖެއެވެ.

ސްވިޓްޒަލަންޑުގައި ކުޅުނު މި މެޗުން ޗެލްސީ ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ފުރަތަމަ ލެގުގައި ސްޓެމްފަޑް ބްރިޖްގައި ކުޅުނު މެޗުން ޗެލްސީން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާ އަކުންނެވެ. އެހެންކަމުން ޗެލްސީއަށް ކުރި ލިބިފައިވަނީ 3-2 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ޗެލްސީން ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލަފަ އެވެ. އެގޮތުން މެޗުގެ ތިންވަނަ މިނިޓްގައި ކެޕްޓަން އެންޒޯ ފެނާންޑޭޒް ފޮނުވާލި ބާރު ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ޗެލްސީން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 14 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އެންކުންކޫ އެވެ. އޭނާ ވަނީ ފުރަތަމަ ލެގުގައިވެސް ލަނޑެއް ކާމިޔާބު ކޮށްފަ އެވެ.

ނަމަވެސް މި މެޗުގެ 32 ވަނަ މިނިޓްގައި ސަރވެޓްގެ ޖެރެމީ ގުލެމެނޮޓް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ކޮށްފަ އެވެ. މި ލަނޑަށްފަހު ސަރވެޓްއިން ވަނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

މި މެޗުން ސަރވެޓް މޮޅުވި ލަނޑު މެޗުގެ 72 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންޒޯ ކްރިވެލީ އެވެ. މި ލަނޑާއެކު މެޗުގެ އެގްރިގޭޓް ނަތީޖާ 3-2 އަށް ބަދަލުވެގެން ގޮސްފައިވާއިރު މެޗުގެ އިތުރު ވަގުތުގައި ނަތީޖާ 3-3 އަށް ބަދަލު ކޮށްލުމަށް ސަރވެޓް އަށް ވަނީ ރަގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

2021 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ޗެލްސީން ޔޫރަޕްގެ ތިންވަނަ ފަންތީގެ މި މުބާރާތުގައި ވާދަކުރަން ޖެހިފައިވަނީ ނިމިގެންދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ހަވަނައިގައި އޮތުމުގެ ސަބަބުންނެވެ. މިއީ މި މުބާރާތުގައި ޗެލްސީ ވާދަކުރާ ފުރަތަމަ ފަހަރެވެ.