ކްލަބު މޯލްޑިވްސް ކަޕް 2024 ގެ އެއް ގްރޫޕެއްގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހިމެނިއްޖެއެވެ.
ކުލަބު މޯލްޑިވްސްގެ މުބާރާތްތައް މި އަހަރު ފަށާނީ އަންނަ އާދިއްތަ ދުވަހުގެރޭ، ރިސޯޓް ސުޕަ ލީގު 2023 ގެ ޗެމްޕިއަނުން ޖޯލި ބީން އާއި މިދިޔަ އަހަރުގެ ކުލަބު މޯލްޑިވްސް ކަޕް ޗެމްޕިއަން ވެމްކޯއާ ދެމެދު ކުޅޭ ކިންގްސް ކަޕް މެޗުންނެވެ.
އޭގެ އިތުރުން ތިން މުބާރާތެއް މި އަހަރު ބާއްވާއިރު، އެ މުބާރާތްތަކީ ކުލަބު މޯލްޑިވްސް ކަޕާއި، ކުލަބު މޯލްޑިވްސް ކްލަސިކް އަދި 18/30 ފުޓްސަލް ފިއެސްޓާއެވެ. އެ ތިން މުބާރާތުގެ ގުރުއަތުލުން ބުދަ ދުވަހުގެރޭ ވަނީ ބާއްވާފައެވެ. ކުލަބު މޯލްޑިވްސް ކްލަސިކް އާއި 18/30 ފުޓްސަލް ފިއެސްޓާ އަންނަ މަހުގެ ތިންވަނަ ދުވަހު ފަށާއިރު، ކުލަބު މޯލްޑިވްސް ކަޕް ފަށަން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހެވެ.
ކުލަބު މޯލްޑިވްސް ކަޕުގައި މި ފަހަރު 28 ޓީމެއް ބައިވެރިވެފައިވާއިރު، އެ ޓީމުތައް ވަނީ ހަތް ގްރޫޕަކަށް ބަހާލާފައެވެ. އެގޮތުން އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ އާއި، މުބާރާތުގެ ތަށި ތިން ފަހަރު ހޯދާފައިވާ އެމްޕީއެލްގެ އިތުރުން ކުލަބު އާރްއޯއެލް އާއި އެމްއައިބީއެސްއޭ ހިމެނެނީ ގްރޫޕް ޖީގައެވެ.
ގްރޫޕް އޭގައި ހިމެނެނީ އެޗްޑީސީ އާއި، ކުލަބު ފެން އާއި، ޓީމު އެލައިޑް އަދި ކުލަބު އާސަންދައެވެ. ގްރޫޕް ބީގައި ޓީމު އެފްއެސްއެމް އާއި، ޓީމު އެމްއޭސީއެލް އާއި، ބަރޮސް މޯލްޑިވްސް އަދި ކުލަބު ޓީޓީއެސް ހިމެނޭއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ އާއި، ޕްރިސަން ކުލަބާއި، އޭވިއޭޝަން ސެކިއުރިޓީ ކުލަބު އަދި ޕޮލިސް ކުލަބު ހިމެނެނީ ރޫޕް ސީގައެެވެ.
ގްރޫޕް ޑީގައި ސްޓެލްކޯ ކުލަބާއި، ކަސްޓަމްސް އާއި، ކުލަބު އިމިގްރޭޝަން އަދި ދިރާގު ހިމެނޭއިރު، މިދިޔަ އަހަރުގެ ރަނަރަޕް ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އާއި، މޯލްޑިވިއަން އާއި، އުރީދޫ އަދި ފަހި ރެކްރިއޭޝަން ކުލަބު ހިމެނެނީ ގްރޫޕް އެފްގައެވެ.
ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގެ ތެރެއިން މި ފަހަރު އެންމެ ގިނަ ޓީމު ވާދަކުރަނީ ކްލަސިކްގައެވެ. އެ ގޮތުން މިދިޔަ އަހަރު ފެށި ކްލަސިކް މުބާރާތުގައި މި ފަހަރު 32 ޓީމެއް ވާދަކުރާއިރު، އެ ޓީމުތައް ވަނީ އަށް ގްރޫޕަކަށް ބަހާލާފައެވެ.
ކުލަބު މޯލްޑިވްސްއިން މި އަހަރު އަންހެން ޑިވިޝަނަށް ކުރިއަށްގެންދަނީ 18/30 ފުޓްސަލް ފިއެސްޓާ އެކަންޏެވެ. އެ މުބާރާތުގައި ހަތް ޓީމު ބައިވެރިވެފައިވާއިރު، އެ ހަތް ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. މި ބައިގެ އެންމެ ފަހުގެ ޗެމްޕިއަން، ޓީމު ފެނަކަ މި ފަހަރުގެ ކުލަބު މޯލްޑިވްސްގެ އެއްވެސް މުބާރާތެއްގައި ބައިވެރިވެފައެއް ނުވެއެވެ.