ޚަބަރު

ކުޑަކުދިން ކުށުގެ މާހައުލުން ދުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް


ކުޑަކުދިން ބޭނުންކޮށްގެން ކުށްކުރުމުގެ މާހައުލު އެއްކޮށް ފުނޑުފުނޑު ކޮށްލާފަދަ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފެއްޓެވުމަށް ތައްޔާރުވެފައިވާކަމަށް ހޯމްމިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ ކުޑަކުދިން ކުށުގެ މާހައުލުން ދުރުކޮށް، ކުޑަކުދިން ބޭނުންކޮށްގެން ކުށްކުރުމުގެ މާހައުލު އެއްކޮށް ފުނޑު ފުނޑު ކޮށްލާވަރުގެ ވަރުގަދަ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގެވުމަށް ތައްޔާރުވެފައިވާކަމަށެވެ. ފުލުހުންނާއި، އެމް.އެން.ޑީ.އެފާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓް އަދި ޖެންޑަރ މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދަވާ މި ޕްރޮގްރާމްގެ ބުރަތަމަ ބުރު ރަމަޟާން މަހުގެ ކުރިން ފައްޓަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ފްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމްތައް މިހާރު ހަމަޖައްސަވާފައިވާކަމަށާއި، ދ. ވާނީގައި ހުންނަ ފުލުހުންގެ ތަމްރީން މަރުކަޒުގައި ހަމަޖައްސަވަންޖެހޭ އިންތިޒާމް ވެސް ހަމަޖައްސަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދަވާ މި ޕްރޮގްރާމަކީ ކުޑަކުދިން ކުށުގެ މާހައުލާ މުޅިން ދުރުކޮށްދޭނެފަދަ ޕްރޮގްރާމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ މިހާ ފުޅާދާއިރާއެއްގައި ރާއްޖޭގައި މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދަވާ ފުރަތަމަ ފަހަރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމް ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށާއި، މިޕްރޮގްރާމްގެ ކަންކަން ދުނިޔޭގެ ބައެއް ޤައުމުތަކުންވެސް ވަރަށް ގާތުން ބައްލަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން 2 މަސްދުވަހުގެ ތަމްރީނަށްފަހު 6 މަސްދުވަހު ޓެކްނިކަލް ސްކޫލެއްގައި ބައިވެރިންގެ ކަންކަން ބަލަހައްޓަވައި، އިތުރު 6 މަސްދުވަހު ވަޒީފާގެ މާހައުލުގައި އުޅޭ ނޫޅޭގޮތް ބެއްލެވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރާ އެއްވެސް ކުއްޖަކު ކުށުގެ މާހައުލަށް އަންބުރާ ނުނިކުންނާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.