ޚަބަރު

ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ފަތްކޮޅު އަރުވައިފި


  • ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކީ ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް، އަބްދުއްރަހީމް އަބްދުއްލަތީފު

ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް، އަބްދުއްރަހީމް އަބްދުއްލަތީފުގެ ސަފީރުކަމުގެ ފަތްކޮޅު ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނަށް އަރުވައިފިއެވެ.

ރާއްޖެއިން ތުރުކީއަށް ފުރަތަމަ ފަހަަރަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ތުރުކީގެ ވެރިރަށް އަންކާރާގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ތުރުކީގެ ރައީސް ވަނީ ރާއްޖެއިން ކަނޑައެޅުއްވި ސަފީރަށް މަރުހަބާ ދަންނަވާފައެވެ. އަދި ސަފީރު ވަނީ ތުރުކީ ސަރުކާރުން ވިދާޅުވި ހޫނު މަރުހަބާ ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ސަފީރު ވަނީ އެކި ދާއިރާތަކުން ތުރުކީން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީ ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

ރާއްޖެއިން ތުރުކީއަށް ފުރަތަމަ ފަހަަރަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު އަރުވާފައިވާއިރު ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިދިޔަ ފެބްރުއަރީމަހުއެވެ.

ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ފުޅާކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިޤުތިޞާދީ، އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމަށްޓަކައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.