ކުޅިވަރު

ގްރީލިޝް އާއި މަޑުއޭކޭ އިނގިރޭސި ސްކޮޑަށް


އަންނަ މަހު ފަށާ ޔުއެފާ ނޭޝަންސް ލީގުގައި ވާދަކުރާ އިންގްލަންޑުގެ ސްކޮޑުން މެންޗެސްޓާ ސިޓީގެ ޖެކް ގްރީލިޝް އާއި ޗެލްސީގެ ނޮނީ މަޑުއޭކޭއަށް ފުރުސަތު ދީފިއެވެ.

ޔޫރޯގައި ވާދަކުރި އިންގްލެންޑްގެ ފައިނަލް ސްކޮޑުން ޖާގަ ނުލިބުނު ގްރީލިޝްގެ އިތުރުން އާއްމުކޮށް ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު، ހެރީ މެގުއާ އަށް މި ފަހަރު ފުރުޞަތު ދިންއިރު، އެ މުބާރާތުގައި ކުޅުނު އިނގިރޭސި ޓީމުގައި ހިމެނުނު ކުޅުންތެރިން ކަމަށްވާ، ބްރެންޓްފޯޑްގެ އައިވަން ޓޯނޭ އާއި އާސެނަލްގެ ގޯލްކީޕަރު، އާރޮން ރަމްސްޑޭލް ވަނީ ބާކީ ކޮށްފައެވެ.

އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު އޭރުގެ ކޯޗު، ގަރެތު ސައުތުގޭޓް މަގާމުން އިސްތިއުފާދިނުމުން ދާދިފަހުން އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވި ލީ ކާސްލީ ނެގި މި ފަހަރުގެ ސްކޮޑުން މުޅިން އަލަށް ޖާގަ ލިބުނު ކުޅުންތެރިންގެ ތެރޭގައި، އެންޖެލް ގޯމޭސް، ޓީނޯ ލިވްރަމެންޓޯ އާއި މޯގަން ގިބްސް-ވައިޓް އަދި މަޑުއޭކޭ ހިމެނެއެވެ.

މި ފަހަރުގެ ސްކޮޑުގައި ނިމިދިޔަ ޔޫރޯގައި އިންގްލެންޑްގެ ޑިފެންސްގައި މުހިއްމު ދައުރެއް އަދާކުރި ނިއުކާސަލްގެ ފުލްބެކް، ކިއެރަން ޓްރިޕިއާ ނުހިމެނުނުއިރު، އޭނާ ވަނީ ސްކޮޑު އިޢްލާންކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގައުމީ ޓީމަށް ރިޓަޔާކުރިކަން ހާމަކޮށްފައެވެ.

ނޭޝަންސް ލީގުގައި އިންގްލެންޑް ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 7 ވަނަ ދުވަހު ޑަބްލިންގައި އަޔާލެންޑާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތިން ދުވަސް ފަހުން ވެމްބްލީގައި ނިކުންނާނީ ފިންލެންޑާ ދެކޮޅަށެވެ.

އިންގްލެންޑްގެ ސްކޮޑް:
ގޯލްކީޕަރުން: ޑީން ހެންޑަސަން (ކްރިސްޓަލް ޕެލަސް)، ޖޯޑަން ޕިކްފޯޑް (އެވަޓަން)، ނިކް ޕޯޕް (ނިއުކާސަލް ޔުނައިޓެޑް).
ޑިފެންޑަރުން: މާކް ގޭހީ (ކްރިސްޓަލް ޕެލަސް)، އެޒްރީ ކޮންސާ (އެސްޓަން ވިލާ)، ޖޯން ސްޓޯންސް (މެންޗެސްޓާ ސިޓީ)، ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް (ލިވަޕޫލް)، ލެވީ ކޯލްވިލް (ޗެލްސީ)، ރިކޯ ލުވިސް (މެންޗެސްޓާ ސިޓީ)، ޓީނޯ ލިވްރަމެންޓޯ (ނިއުކާސަލް ޔުނައިޓެޑް).
މިޑްފީލްޑަރުން: ކޮނާ ގެލަގާ (އެތުލެޓިކޯ މެޑްރިޑް)، ކޮބީ މައިނޫ (މެންޗެސްޓާ ޔުނައިޓެޑް)، ޑެކްލަން ރައިސް (އާސެނަލް)، ކޯލް ޕާމާ (ޗެލްސީ)، މޯގަން ގިބްސް-ވައިޓް (ނޮޓިންހަމް ފޮރެސްޓް)، އެންޖެލް ގޯމޭސް (ލިއްލެ)، ފިލް ފޯޑެން (މެންޗެސްޓާ ސިޓީ).
ފޯވާޑުން: ޖަރޮޑް ބޮވެން (ވެސްޓް ހޭމް ޔުނައިޓެޑް)، އެބެރޭޗީ އެޒޭ (ކްރިސްޓަލް ޕެލަސް)، ޖެކް ގްރީލިޝް (މެންޗެސްޓާ ސިޓީ)، އެންތަނީ ގޯޑަން (ނިއުކާސަލް ޔުނައިޓެޑް)، ހެރީ ކޭން (ބަޔާން މިއުނިކް)، ނޮނީ މަޑުއޭކޭ (ޗެލްސީ)، ބުކާޔޯ ސަކާ (އާސެނަލް)، އޮލީ ވަޓްކިންސް (އެސްޓަން ވިލާ).