ވިޔަފާރި

ގެސްޓްހައުސް ވިޔަފާރިން ދަރަވަންދޫއަށް ރަނގަޅު ނަފާއެއް


މީގެ ތިން އަހަރުކުރިން ބ.ދަރަވަންދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައިއޮތީ ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ފުރުސަތުތައް ނެތް ވާހަކައެވެ. އަދި ރަށުގެ ތަރައްގީއަށް މަސައްކަތްތަކެއް ނުކުރެވޭވާހަކައެވެ.

އެއްހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ދަރަވަންދޫގެ ރައްޔިތުންގެ މި ޝަކުވާތަކަށް ނިމުމެއް ގެނުވީ 2012 ވަނަ އަހަރު އެރަށުގައި އެޅި އެއަރޕޯޓްއާއިއެކުގައެވެ. ދަރަވަންދޫގެ އެއަރޕޯޓްއާއެކު މުޅި ބ އަތޮޅަށް އާ ދިރުމެއް ވަނީ ގެނުވާފައެވެ. އަތޮޅުގެ ރިސޯޓްތަކަށް އަންނަ ފަތުވެރިންގެ ނިސްބަތްވަނީ އިތުރުވެފައެވެ. ހަމަމިއާއިއެކު ދަރަވަންދޫގައި ފަތުވެރިކަމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ފެށިގެންދިޔައެވެ.

އެއަރޕޯޓް ހުޅުވިތާ 3 އަހަރު ވެފައިވާއިރު ދަރަވަންދޫގެ އައަރޕޯޓާއެކު އެރަށުގައި ފެށި ފަތުވެރިކަމުގެ ވިޔަފާރިއަށްމިވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިހާރު އެރަށުގައި 10 ގެސްޓް ހައުސް ހުރި އިރު މިއިން ކޮންމެ ގެސްޓް ހައުސްއަކަށް ދުވާލަކަށް ފަސްހާހާއި ދިހަހާހާއި ދެމެދުގެ އާމްދަނީއެއް ދަނީ ލިބެމުންނެވެ. ފަތުވެރިކަމުގެ ވިޔަފާރިން ލިބޭ އާމްދަނީ އިތުރުވަމުންދާވަރަކަށް ދަރަވަންދޫގައި ދަނީ ގެސްޓްހައުސްތައްވެސް އިތުރުވަމުންނެވެ. އެގޮތުން މިހާރުވެސް ދަރަވަންދޫގައި 8 ގެސްޓްހައުސް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ދަރަވަންދޫ ކައުންސިލުން ވިދާޅުވީ ދަރަވަންދޫއަށް އަންނަ ފަތުވެރިންގެ އިތުރުން ލޯކަލް ޓުއަރިޒަމްވެސް ދަރަވަންދޫގައި ފުޅާވަމުން އަންނަކަމަށެވެ.

ދަރަވަންދޫގަ ފަތުވެރިކަމުގެ ވިޔަފާރި ކުރިއަރަމުން އަންނައިރު ރަށުގެ ޒުވާނުންނަށްވެސް ވަނީ ގިނަ ވަޒީފާގެ ފުރުސަތުތަކެއް ފަހިވެފައެވެ. އެގޮތުން ދަރަވަންދޫގައި ހިންގާ ގެސްޓް ހައުސްތަކުގައި މުޅިންހެން މަސައްކަތްކުރަމުން އަންނަނީ ދިވެހިންނެވެ. މި ވިޔަފާރިން ބޮޑު ނަފާއެއް ލިބެމުން އަންނަކަމަށް ވިޔަފާރި ހިންގާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އޭޓީއެމްއެއް ނުވަތަ ބެންކުގެ ޚިދުމަތް ރަށުން ލިބެން ނެތުމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖޭކަން އެރަށުގެ ވިޔަފާރިވެރިން ފާހަގަކުރެއެވެ.

ދަރަވަންދޫ ކައުންސިލުން ވިދާޅުވީ ފަތުވެރިކަމުގެ ވިޔަފާރި ކުރިއަރަމުން އަންނައިރު މިހާރު އެރަށުގެ ބައެއް ސަރަހައްދުތަށް ފަތުވެރިންނަށް ޚާއްސަ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅިފައިވާކަމުގައެވެ.