ތަޢުލީމު

ޓިވެޓުން ހިންގާ ކޯސްތައް ޑިޕްލޮމަރ ފެންވަރުގެ ކޯސްތަކަކަށް ހަދަނީ


ޓިވެޓް އޮތޯރިޓީން ހިންގަމުންދާ ކޯސްތަކަކީ، އަންނަ އަހަރުގެ ނިޔަލަށް ޑިޕްލޮމާ ފެންވަރުގެ ކޯސްތަކަކަށް ހެދުމަކީ އަމާޒެއްކަމަށް އެއޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ޓިވެޓް އޮތޯރިޓީން މިހާރު ދަނީ އެކި ދާއިރާތަކުން ސެޓްފިކްޓެ ލެވެލް 1 އިން ފެށިގެން ލެވެލް 4 ގެ ކޯސްތައް ހިންގަމުންނެވެ.

ސްކޫލް ތަޢުލީމު ނިންމާ، ދިރިއުޅުމުގެ މައިދާނަށް ނިކުންނަ ދަރިވަރުންނަކީ ތަޢުލީމީ ފުރަތަމަ ހަރުފަތްތައް ގިރާކޮށް، ތަޢުލީމާއި ހުނަރު ހާސިލްކުރެވިފައިވާ ދަރިވަރުންތަކެއްގެ ގޮތުގައި ބިނާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިއަމާޒަށް ވާސިލްވުމަށް ތަޢުލީމާއި މަސައްކަތް އުގަންނައިދިނުމަށް ސަރުކާރުން އުފައްދާފައިވާ ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަނަލް ޓްރެއިނިންގ، ޓިވެޓް އޮތޯރިޓީން އަންނަނީ 48 ކޯހެއް ހިންގަމުންނެވެ. މި ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯސްތަކެކެވެ.

ޓިވެޓް އޮތޯރިޓީގެ ޑިރެކްޓަރ އާމިނަތު އަސްރާ ވިދާޅުވީ އާމްދަނީ ލިބޭނެ ހުރިހާ ދާއިރާއަކުންވެސް ކޯސްތައް އެ އޮތޯރިޓީޏް ހިންގަމުންދާކަމަށެވެ. އަދި މިކޯސްތަކަކީ ވަޒީފާގައި އުޅެމުން ކިޔެވޭނެގޮތަށް ބައްޓަންކޮށްފައިވާ ކޯސްތަކެއްކަމަށްވެސް އަސްރާ ވިދާޅުވިއެވެ.

މީގެ އިތުރަށް ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން ހުނަރުވެރިން ތަމްރީންކުރުމަށް ދިވެހިރާއްޖޭގައި ޤާއިމް ކުރެވުނު މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގަމުންދާ ކޯސްތަކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް ހަނީފް ވިދާޅުވީ ރާއްޖޭގައި ނެތެމުންދާ ބައެއް ވިޔަފާރީތައް އާލާކޮށް، ޒުވާނުން އެސިނާއަތްތަކަށް ނެރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ޕޮލިޓެކްނިކުން ކުރިއަށްގެންދާކަމަށެވެ. އެގޮތުން ލިއެލާ ޖެހުމާއި، ރަންރިހީގެ މަސައްކަތަށް ޒުވާނުން ނެރެ، ނެތެމުންދާ ބައެއް ވިޔަފާރީތައް އާލާކުރުމަށް މި ކޯސްތަކުގެ ކަރިކިއުލަމް ލިޔެ، ޒުވާނުން އެސިނާއަތްތަކަށް ނެރުމަށް މަސައްކަތްތައް ކުރަމުންދާކަމަށެވެ.

ޕޮލިޓެކްނިކުން ހިންގާ ކޯސްތައް މާލޭގެ އިތުރުން އަތޮޅުތެރޭގައި ހުރި ފުރުސަތުތަކަށް ޒުވާނުން ތަމްރީނުކުރަމުންދާކަމަށް ހަނީފް ވިދާޅުވިއެވެ. ސްކޫލް ތަޢުލީމުގެ ތެރޭގައި ޕޮލިޓެކްނިކް ހިމަނާފައިވާއިރު މިހާރު ރާއްޖޭގެ 4 ސަރަޙައްދެއްގެ 9 ސްކޫލެއްގައި ސްކޫލް ޕޮލިޓެކްނިކް ޕްރޮގްރާމް ދަނީ ހިންގަމުންނެވެ.