ޚަބަރު

ޗެލްސީން ލުކަކޫ އެންމެ ފަހުން ނާޕޮލީއަށް ވިއްކާލައިފި


އިނގިރޭސި ޕްރިިމިއާ ލީގުގެ ކްލަބް ޗެލްސީއަށް ކުޅެމުންއައި ބެލްޖިއަމްގެ ފޯވަޑް ރޮމެލޯ ލުކަކޫ އެންމެ ފަހުން އިޓަލީގެ ނާޕޮލީއަށް ވިއްކާލައިފި އެވެ.

އުމުރުން 31 އަހަރުގެ ލުކަކޫ ނަޕޯލީއަށް ވިއްކާލާފައިވަނީ 30 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށެވެ. އަދި އިތުރު 15 މިލިއަން ޔޫރޯގެ އެޑްއޮން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. ދެ ކްލަބުގެ އެއްބަސްވުމާއިއެކު ލުކަކޫ ވަނީ މެޑިކަލް ހެދުމަށް އިއްޔެ އިޓަލީއަށް ގޮސްފަ އެވެ.

ލުކަކޫ ނަޕޯލީއަށް ގެންދިއުމަށް އެންމެ ބޮޑަށް ބާރު އަޅާފައިވަނީ އެ ޓީމުގެ މިހާރުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ އެވެ. ލުކަކޫގެ ކެރިއަރުގައި އެންމެ ރަގަޅު ކުޅެމެއް އިޓަލީގެ އިންޓަރ މިލާނުގައި ދައްކާފައިވަނީ ކޮންޓޭގެ އިރުޝާދުގެ ދަށުންނެވެ.

ޗެލްސީ އާއި އެންމެ ފުރަތަމަ ލުކަކޫ ގުޅިފައިވަނީ 2011 ވަނަ އަހަރު އެވެ. އޭރު އޭނާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައިނުވާތީ ލޯނެއްގެ ދަށުން ވެސްޓްބްރޮމްވިޗް އާއި އެވަޓަން އަށް ވަނީ ދޫކޮށްފަ އެވެ. އަދި އޭގެ ފަހުން ދާއިމީ އެއްބަސްވުމެއްގެ ދަށުން އެވަޓަން އަށް ލުކަކޫ ވަނީ ވިއްކާލާފަ އެވެ. ލުކަކޫ ވަނީ ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑަށްވެސް ކުޅެފައެވެ.

2019 ވަނަ އަހަރު އިންޓަރ މިލާނަށް ބަދަލުވެ ލުކަކޫ ތަފާތު މޮޅު ކުޅުމެއް ދެއްކުމާއި ގުޅިގެން ޗެލްސީން ވަނީ ކްލަބުގެ ރެކޯޑް ފީއެއް ކަމުގައިވާ 115 މިލިއަން ޔޫރޯއަށް ދެވަނަ ފަހަރަށް 2021 ވަނަ އަހަރު އޭނާ ގެނެސްފައެވެ. ނަމަވެސް މި ފަހަރުވެސް އެދެވޭ ކުޅުމެއް ދެއްކިފައިނުވާތީ ޗެލްސީން ވަނީ ދެވަނަ ފަހަރަށް ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓަރ މިލާނަށް ދޫކޮށްފަ އެވެ. އަދި އޭގެ ފަހުން ލޯނެއްގެ ދަށުން ރޯމާއަށް ކުޅުމަށްފަހު މިހާރު ލުކަކޫ ޕްރެކްޓިސް ކުރަމުން ގޮސްފައިވަނީ ޗެލްސީގެ 21 އަހަރުން ދަށުގެ ޓީމާއި އެކުއެވެ.

ލުކަކޫ ވަނީ ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅުނު 119 މެޗުގައި 85 ގޯލު ޖަހާފައެވެ.