ޚަބަރު

ކިއޭސާ ލިވަޕޫލަށް ވިއްކާލުމަށް ޔުވެންޓަސްއިން އެއްބަސްވެއްޖެ


އިޓަލީގެ ޔުވެންޓަސްގެ ފޯވަޑް ފެޑެރީކޯ ކިއޭސާ އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބް ލިވަޕޫލްއަށް 10 މިލިއަން ޕައުންޑް (13 މިލިއަން ޑޮލަރު) އަށް ވިއްކާލުމަށް ދެ ކްލަބުން އެއްބަސްވެއްޖެ އެވެ.

ޔުވެންޓަސް އާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރަށް ހަމަވާ ކިއޭސާ ވިއްކާލުމަށް ޔުވެންޓަސް އިން ނިންމާފައިވަނީ ދާދި ފަހުންނެވެ. އެ ޓީމުގެ ކޯޗުކަމާއި ތިއާގޯ މޯއްޓާ ހަވާލުވުމަށްފަހު ކިއޭސާއަށް ޓީމުން ފުރުސަތު ލިބިފައެއް ނުވެއެވެ.

އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އެންރީކޯ ކިއޭސާގެ ދަރި، ފެޑެރީކޯ ކިއޭސާ ލިވަޕޫލްގެ މެޑިކަލް ފުރިހަމަ ކުރުމަށްފަހު އެ ޓީމާއިއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާނެކަމަށް ރިޕޯޓްތައް ބުނެއެވެ. ކިއޭސާ ލިވަޕޫލްއަށް ސޮއި ކުރުމާއިއެކު އޭނާ ވެގެންދާނީ ލިވަޕޫލްއަށް ކުޅޭ އިޓަލީގެ ހަތްވަނަ ކުޅުންތެރިޔާ އަށެވެ. އެންމެ ފަހުން ލިވަޕޫލްއަށް ކުޅެފައިވާ އިޓަލީގެ ކުޅުންތެރިއަކީ މާރިއޯ ބަލޮޓެއްލީ އެވެ.

އުމުރުން 26 އަހަރުގެ ކިއޭސާ އެންމެ 13 މިލިއަން ޑޮލަރަށް ލިވަޕޫލް އާއި ގުޅިފައިވަނީ ވަރަށް ކުޑަ އަގެއްގައި ކަމަށް ބައެއް ފަރާތްތަކުންވަނީ ބުނެފައެވެ. އަނިޔާގެ ސަބަބުން އެންމެ ރަގަޅު ފޯމު ގެއްލިފައިވާ ކިއޭސާ ވަނީ ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ކުޅެފައެވެ.

ލިވަޕޫލްގެ ކޯޗު ކަމާއި ސްލޮޓް ހަވާލުވުމަށްފަހު މިއީ އޭނާގެ ފުރަތަމަ ޓްރާންސްފާ އެވެ. ނަމަވެސް މީގެ ކުރިން އޭނާ ވަނީ ވެލެންސިއާގެ ކީޕަރު މަމަޑާޝްވިލީގެ ސޮއި ހޯދާފައެވެ.

ކިއޭސާ ލިވަޕޫލް އާއި ގުޅިފައިވާއިރު، ޕްރިމިއާ ލީގުގައި ކުޅޭ އެންމެ ހަލުވި އަދި ނުރައްކާތެރި އެއް ފޯވަޑް ލައިން އޮތީ ލިވަޕޫލްގައެވެ. އެއީ މުހައްމަދު ސަލާ، ޑާވިން ނޫނެޒަ، ޑިއެގޯ ޖޮޓާ، ކޯޑީ ގެކްޕޯގެ އިތުރުން ލުއިސް ޑިއާޒް ހިމެނޭ ފޯވަޑް ލައިނެވެ.

ޔުވެންޓަސްގައި ކިއޭސާ ހޭދަކުރި ދުވަސްވަރު އޭނާ ވަނީ އެ ކްލަބަށް 131 މެޗު ކުޅެ 32 ލަނޑު ޖަހާފައެވެ. އަދި އިޓަލީގެ ގައުމީ ޓީމަށް އޭނާ ވަނީ މިހާތަނަށް 51 މެޗު ކުޅެ 7 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.