ޚަބަރު

މާޒިޔާގެ އައު ކޯޗަކަށް ސާބިއާގެ ޑްރަގަން


އޭއެފްސީ ޗެލެންޖު ލީގުގައި ވާދަކުރާ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އައު ކޯޗަކަށް ސާބިއާއަށް ނިސްބަތްވާ ޑްރަގަން ޑުކަނޯވިޗް ހަަމަޖައްސައިފި އެވެ.

ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ އުމުރުން 54 އަހަރުގެ ޑްރަގަންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާނީ އޭއެފްސީ ޗެލެންޖު ލީގަށް ޓީމު ތައްޔާރުކުރުމެވެ. އޮކްޓޫބަރު މަހު ފަހުކޮޅު މުބާރާތް ބާއްވާއިރު، މިއީ މާޒިޔާއަށް ހަމަޖެއްސި ބިދޭސީ ހަ ވަނަ ކޯޗެވެ.

ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އެއް ގްރޫޕެއްގައި ހިމެނެނީ ކުވެއިތުގެ އަލް އަރަބީ ސްޕޯޓްސް ކްލަބް، ތުރުކުމެނިސްތާންގެ އެފްސީ އަކްރަޑަގް އަދި ކިރްގިސްތާން އެފްސީ އަބްދީޝް އާޓާ ހިމެނިއްޖެއެވެ. ސެންޓްރަލައިޒް ކޮށް މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުވެއިތުގައެވެ.

ޔޫގޯސްލާވިއާ 21 އަހަރުން ދަށުގެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޑްރަގަންގެ ކޯޗިން ކެރިއަރު ފަށާފައިވަނީ 2003 ވަނަ އަހަރު މޮންޓަނެގްރޯގެ ކްލަބް މޮގްރެން އިންނެވެ. މޮންޓަނެގްރޯގެ އެންމެ މޮޅު ކޯޗުގެ މަގާމު 2005 ވަނަ އަހަރު ލިބިފައިވެއެވެ.

ޔޫރަޕުން ބޭރުގައި ޑްރަގަންގެ ފުރަތަމަ ތަޖުރިބާ އައި ބަންގްލަދޭޝްގައެވެ. އެ ގޮތުން،، 2013-2014 ވަނަ އަހަރުގެ ސީޒަނުގައި، ޑުކަނޯވިޗް ވަނީ ބަންގްލަދޭޝްގެ ޝެއިހް ރަސެލް އެފްސީގައި ކޯޗުކަން ކޮށްފައެވެ. ޝެއިހް ރަސެލް ޓީމަށް ކޯޗުކޮށްދިން ފުރަތަމަ ބިދޭސީ ކޯޗު ޑްރަގަން ވަނީ އެ ޓީމަށް ބަންގްލަދޭޝްގެ ޕްރެޒިޑެންޓްސް ކާމިޔާބުކޮށް އޭއެފްސީ ކަޕަށް ކޮލިފައިކޮށްދީފައެވެ.

މާޒިޔާއަށް ސޮއިކުރުމަށްފަހު މީޑިއާތަކާ ވާހަކަދައްކަމުން ޑްރަގަން ވަނީ ރާއްޖޭގެ ފުޓުބޯޅަ އޮތް ހާލަތު ރަނގަޅަށް އެނގޭ ކަމަށް ބުނެފައެވެ. އަދި އަމާޒަކީ އެ ދަތި އުނދަގޫތަކާއެކު މާޒިޔާއާއެކު ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ކަމަށާއި މުބާރާތަށް ޓީމު ތައްޔާރުކުރުމަށް މި އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އެންމެ ފަހުން ޑްރަގަން، މަސައްކަތްކުރީ ގްރީސްގެ ދެވަނަ ޑިވިޝަނުގެ ކްލަބް އެގާލިއޯގައެވެ. އޭނާގެ ކެރިއަރުގެ އެންމެ ގިނަ ތަޖުރިބާ ހޯދާފައިވަނީ އިންޑޮނޭޝިއާގައެވެ. އޭނާ ވަނީ 2016-2017 ވަނަ އަހަރު އިންޑޮނޭޝިއާ ކްލަބް، ބޯނެއޯ ސަމަރިންޑާ އަށް ކޯޗުކޮށްދިނުމުގެ އިތުރުން 2019-2021 އަށް އިންޑޮނޭޝިއާގެ ކްލަބް ޕީއެސްއައިއެސް ސަމަރަންގެ ޓެކްނިކަލް ޑިރެކްޓަރު ކަމާއި ކޯޗުކަންކޮށްފައެވެ.