ޚަބަރު

މިއަހަރުގެ މިހާތަނަށް 3000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް!


  • ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ޤަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ

މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި 3300 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކުރިކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ ވަށައިޖެހޭ ހައްލަކާއި ދިމާލަށް މަސައްކަތް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ އޮގަސްޓް 25 ވަނަ ދުވަހުގެ ނިޔަލަށް 3322 ބިދޭސީން ޑީޕޯޓްކުރި ކަމަށެވެ. މިއީ 2023 ވަނަ އަހަރުގެ ޖެނުއަރީ 1 ން ނޮވެމްބަރު 16 އަށް ޑީޕޯޓްކޮށްފައިވާ 2021 ބިދޭސީންނާއި އަޅާބަލާއިރު 64.3 އިންސައްތަ އިތުރު އަދަދެކެވެ.

ބިދޭސީން ޑީޕޯޓްކުރުމުގެ ކުރިން އިމިގްރޭޝަނުން އެމީހުން ޑިޓެންޝަން ސެންޓަރުގައި ބައިތިއްބަންޖެހޭއިރު އެތަނުގެ ޖާގަ ނެތުމުން ދަތިތަކާއި ކުރިމަތިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.

"މިހާރު ހުރި ޑިޓެންޝަން ފެސިލިޓީއަކީ އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައި މަސައްކަތް ކުރުމަށްޓަކައި އެންމެ އެކަށީގެންވާ ފެސިލިޓީއެއް ނޫން. އެތަނުގައި ބޭއްތިއްބެނީ 200 މީހުން. އަޅުގަނޑުމެން މަސައްކަތް އެބަކުރަން އެތަނުގެ ޖާގަ އިތުރުކޮށް މަސައްކަތް ފުޅާކުރުމަށް" ޝައްމާން ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.