ޚަބަރު

ރަމަޟާން މަހަށް ތަޔާރުވުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި


ރޯދައާ ގުޅޭ ތަފާތު މަޢުލޫމާތު ދީ ރޯދައާއި ގުޅޭކަންކަމަށް މީހުން އިތުރަށް ހޭލުންތެރިކުރުވުމުގެ ގޮތުން "ރަމަޟާން މަހަށް ތަޔާރުވުން" މިނަމުގައި އިސްލާމިކް އެފެއާޒް މިނިސްޓްރީން ޚާއްސަ މަސައްކަތު ބައްދަލުވުމެއް ފައްޓަވައިފިއެވެ.

މިމަސައްކަތު ބައްދަލުވުމުގެ ބައިވެރިންންނަށް މަޢުލޫމާތު ދެއްވަނީ ރާއްޖޭގެ ފުންނާބުއުސް ދީނީ އިލްމުރެވެރިން ކަމުގައިވާ، ޝައިޚް އަލީ ޒާހިރު، ޑރ. އަޙްމަދު ޒާހިރު އަދި ޝެއިޚް އަޙްމަދު ސަމީރުގެ އިތުރުން، ޝެއިޚް އިބްރާހީމް އަޙުމަދެވެ.

އެއް ދުވަހުގެ މިމަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް  4 ސެޝަނަކަށް މަޢުލޫމާތު ދެއްވާއިރު، ސެޝަންތަކުގެ ތެރެއިން، އިތުރު މަޢުލޫމާތު ބައިވެރިންނަށް ލިބި، ބައިވެރިންގެ ހިތްތަކުގައި އުފެދޭ ސުވާލުތަކަށް ދީނީ ޢިލްމުވެރިންގެ ފަރާތުން ޖަވާބު ލިބެގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތު ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ބޭއްވި ރައްސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެޑްވައިޒަރ ޝެއިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ، ރަމަޟާން މަހަށް ތައްޔާރުވުމަށް ހުރިހާ އިސްލާމީ ޤައުމުތަކުންވެސް ވަކިކަހަލަ އިޙްތިފާލްތަކެއް ބާއްވަމުން ގެންދަވާކަމަށެވެ. އަދި ކޮންމެ މުސްލިމަކުވެސް ރަމަޟާންމަހުގެ ހެޔޮކަން ލިބިގަތުމަށް ރޯދަޔަށް ތިބެގެން، ކުށްތަކަށް އަރައި ނުގަތުމާއި، ދީނީ އަޅުކަން އަދާކުރުންމަތީ ތިބުމުގެ މުހިންމުކަމުގެ މައްޗަށް ޝެއިޚް މުޙައްމަދު ރަޝީދު އިބްރާހީމްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މިމަސައްކަތު ބައްދަލުވުމާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ލިބޭ ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި އިލްމު ލިބޭނެ އަދި ތިމާއަށް ލިބިފައިހުރި އިލްމެއް އެހެން މީހަކަށް އުނގަންނައިދެއްވުމަކީ، ކުރީގެ ސަލަފުންގެ ސިފައެއްކަމަށާއި، ކޮންމެ މީހަކީވެސް މިފަދަ މީހަކަށް ވުމައްޓަކައި އާ މަޢުލޫމާތާއި، އާހުނަރުތައް ލިބިގަތުމަކީ، މިފަދަ މަސައްކަތު ބައްދަލުވުމަކުންވެސް ލިބިގަންނަންވީ ފިލާވަޅެއްކަމަށެވެ.

ރަމަޟާން މަހަށް ޚާއްސަކޮށްގެން އިސްލާމިކް އެފެއާޒް މިނިސްޓްރީން ތަފާތު ހަރަކާތްތަކެއް ރާއްވަވާފައިވާއިރު، އާދަކާދައެއްގެ ގޮތަށް ހިންގާ މާހެފުމާއި، ތަރާވީސް ދިނުންފަދަ ހަރަކާތްތައް ކުރިއަށްގެންދަވާނީ، ދީނީ މަޢުލޫމާތު ދިނުންފަދަ ހަރަކާތްތައް ހިމަނުއްވައިގެންކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.