ވިޔަފާރި

ސެންތްރޯ މޯލް- ރާއްޖޭގައި ހުޅުވޭ ފުރަތަމަ ޝޮޕިންގ މޯލް


ހުޅުމާލޭގައި ހަދާފައިވާ ޝޮޕިންގ މޯލް، ސެންތްރޯ މޯލަކީ ޝޮޕިންގ މޯލް ކޮންސެޕްޓަށް ރާއްޖޭގައި ހަދާފައިވާ ފުރަތަމަ ތަނެވެ.

އެތަނުގެ ހުރިހާ ޔުނިޓްތަކެއްގެ ބިޑް ނިމި، ރަސްމީކޮށް ހުޅުވުމަށް 2 މަސް ނަގާނެކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއެވެ.

ތަފާތު ވިޔަފާރިތަކާއި އެހެނިހެން ވަޞީލަތްތަކާއެކު ޒަމާނީ ބިނާވެއްޓެއްގެ ގޮތުގައި ތަރައްޤީކުރައްވަމުން އަންނަ، ހުޅުމަލޭގައި ހަދާފައިވާ މިނީ މޯލްގެ ޔުނިޓްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ، ޖެނުއަރީ މަހުގައެވެ. މިހާރުވަނީ ބިޑް ކާމިޔާބު ކުރި 17 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ، ބިޑް ކާމިޔާބު ކުރާ ފަރާތްތަކުން 3 މަސް ދުވަހުގެ ތެރޭގައި އެތަން ހުޅުވަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދެމަހެއް ނުވަތަ ތިން މަހެއްގެ ތެރޭގައި ސެންތްރޯގެ ގްރޭންޑް އޯޕެނިންގ ބާއްވަން ހަމަޖެހިފައިވާކަމުގައެވެ. ސައިމަން ވިދާޅުވީ، މިތަނަކީ، ރާއްޖޭގައި ޝޮޕިންގ މޯލް ކޮންސެޕްޓަށް ހުޅުވާ ފުރަތަމަތަން ކަމަށާއި، ސެންތްރޯ އާއިއެކު ތަފާތު ވިޔަފާރިތަކަށް ފުރުޞަތު ހުޅުވިގެންދާނެ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ކައިރީގައި ތިންބުރިއަށް ހަދާފައިވާ މިނީމޯލް، "ސެންތްރޯ" އަކީ ތަފާތު ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ހަދާފައިވާ ތަނެކެވެ. ތަފާތު ވިޔަފާރިތަކަށް ޚާއްސަކޮށްގެން ގާތްގަނޑަކަށް 30 ވަރަކަށް ޔުނިޓް އެ މޯލްގައި ހުރެއެވެ. މިތަނުގެ ގްރައުންޑް ފްލޯރއިން މޯލްޑިވްސް އިސްލާމިކް ބޭންކް އަދި މޮރިޝަސް ކޮމަރޝިއަލް ބޭންކަށް ދެ ޔުނިޓް ވަނީ ކުއްޔަށް ދީފައެވެ. އޭގެ ތެރެއިން އިސްލާމިކް ބޭންކުންވަނީ މިހާރު އެތަނުގައި ޚިދުމަތްދޭން ފަށާފައެވެ. ގްރައުޑް ފްލޯއިން ދެން ޔުނިޓްތައް ކަނޑައަޅާފައިވަނީ، ޕޭސްޓްރީ ޝޮޕަކާއި، ބުކްޝޮޕަކާއި ސުޕަރ މާރކެޓަކަށެވެ.

މި މޯލްގެ ފުރަތަމަ ފްލޯރ ގައި 7 ޔުނިޓެއް ހަދާފައިވާއިރު، މި ތަންތަން ޚާއްސަކުރެވިފައިވާނީ ރީތިވާ ސާމާނާއި ފޮތީގެ ވިޔަފާއިއާއި ސުޕަރމާރކެޓަކަށް ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. ދެވަނަ ފްލޯރގައި ހިމެނޭ 12 ޔުނިޓެއް ޚާއްޞަ ކޮށްފައިވަނީ ކުދި ކައުންޓަރ ހަދައިގެން، ކިއޮސްކްގެ ގޮތައް ޚިދުމަތްދިނުމަށެވެ. އަދި ދެވަނަ ފްލޯރގައި ކްލިނިކަކާއި، ފޮތީގެ ވިޔަފާރިއަށް ޚާއްޞަ ޔުނިޓަކާއި، ސެލޫނެއް ހެދުމަށް ޚާއްޞަ ޔުނިޓެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިންވަނަ ފްލޯރ ޚާއްޞަ ކޮށްފައިވަނީ ގެއަށް ބޭނުންވާ ސާމާނާއި ކަރަންޓް ސާމާނުތަކަށެވެ. މީގެ އިތުރުން މޯލްގެ ޓެރަސްގައި، ފެންވަރު ރަނގަޅު ރެސްޓޯރެންޓެއް ހެދުމަށްވެސް ވަނީ ނިންމަވާފައެވެ.

މިތަންތަން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ، 3 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށްކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.