ކުޅިވަރު

ޗެލްސީގެ ސްޓާލިން ގަތުމަށް ޔުނައިޓެޑުން މަޝްވަރާކުރަނީ


ޗެލްސީއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިން ގަތުމާ ގުޅޭ ގޮތުން މެންޗެސްޓާ ޔުނައިޓެޑުން މަޝްވަރާތައް ފަށާފައިވާ ކަމަށް ފަހުގެ މީޑިއާ ޚަބަރުތައް ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ސްޓާލިން މިވަގުތު ފަރިތަކުރަމުން އަންނަނީ ޗެލްސީގެ ކޯޗު، އެންޒޯ މަރެސްކާގެ އެދުމުގެ މަތީން ސީނިއާ ޓީމުގެ ކުޅުންތެރިންނާ މުޅިން ވަކީންނެވެ. ދާދިފަހުން، މަރެސްކާ ވަނީ ޗެލްސީގައި އޭނާ އަށް ކުޅުމުގެ ފުރުޞަތު ލިބުމަށް ދަތިވާނެ ކަމަށް ބުނެފައެވެ.

ޗެލްސީ އާއެކު ސްޓާލިންގ ގަތުމަށް އެއްބަސްވުމަކަށް އާދެވޭނެކަމުގެ މާބޮޑު ޔަގީންކަމެއް ނެތްކަމަށް ބެލެވުނުނަމަވެސް، ޔުނައިޓެޑްގެ ސްޕޯޓިންގ ޑައިރެކްޓަރު ޑޭން އޭޝްވޯތު މި ދައްކުވައިދެނީ މިހާރު ޗެލްސީ އަށް ކުރިމަތިވެފައިވާ ހާލަތުގެ ފައިދާ ނެގުމަށް ކުރެވެން އޮތް މަސައްކަތެއް ކުރުމަށް ތައްޔާރަށްހުރި ކަމެވެ.

ޔުނައިޓެޑުން ސްޓާލިންގ ގެނައުމަށް ޑީލެއް ހެދޭނީ އެމީހުންގެ ޝަރުތުތަކާ އެއްގޮތަށް ކަމަށާއި، މިވަގުތު އެ ޓީމުގެ އިނގިރޭސި ވިންގް، ޖޭޑަން ސަންޗޯ ވެސް ޓްރާންސްފާ ބާޒާރުގައި ވިއްކާލާ ކުޅުންތެރިންގެ ތެރޭގައި ހިމަނާފައިވާއިރު އޭނާ އަކީ ޗެލްސީ އަށް ވަރަށް ކަމުދާ ކުޅުންތެރިއެއް ކަމަށްވުމުން އެއްބަސްވުމަކަށް އައުމުގެ ފަސޭހަވުން އެކަށީގެންވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

މިހާތަނަށްއައިއިރު ސަންޗޯ އަށް ޝައުގުވެރިވާ ކްލަބުތަކުގެ ތެރޭގައި، އިޓަލީގެ ޔުވެންޓަސް ހިމެނުނުނަމަވެސް ޔުނައިޓެޑުން ބޭނުންވާ ގޮތަށް ފުރަތަމަ ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވެ، ފަހުން ގަތުމަށް މަޖުބޫރުކުރާ މާއްދާއާ އެ ކްލަބުން ނުރުހެއެވެ. އަދި ސަންޗޯގެ މުސާރަ އެއްކޮށް ދޭން ވެސް ޔުވެންޓަސް އިން ބޭނުންނުވާ ކަމަށް ވެއެވެ. މިއާއެކު، އެ ކްލަބާއެކު ވެސް އެއްބަސްވުމަކަށް އާދެވޭ ގޮތެއް ނުވިއެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރީން، 50 މިލިއަން ޕައުންޑްގެ ޑީލެއްގައި ޗެލްސީ އަށް ބަދަލުވުމުގެކުރީން ސްޓާލިންގެ ކެރިއަރުގެ އޭގެކުރީ 10 އަހަރު ހޭދަކުރީ އެ ގައުމުގެ ހުޅަނގު އުތުރަށް ނިސްބަތްވާ، ލިވަޕޫލާއި މެންޗެސްޓާ ސިޓީގައެވެ. އޭގެތެރެއިން، ސިޓީ އާއެކު އޭނާ ވަނީ ބޮޑު 10 މުބާރާތުގެ ތަށި ކާމިޔާބުކޮށްފައެވެ.

މިހާތަނަށް އިނގިރޭސި ގައުމީ ޓީމަށް 82 މެޗު ކުޅެދީފައިވާ ސްޓާލިންގ މީގެ އަހަރުތަކެއް ކުރީން ވަނީ ކުޑައިރު އޭނާ އަކީ ޔުނައިޓެޑްގެ ސަޕޯޓަރެއް ކަމަށް ބުނެފައެވެ. އަދި، އޭރު ޔުނައިޓެޑްގެ ޖާޒީއެއްގައި އެފްއޭ ކަޕް ފައިނަލް މެޗު ބެލުމަށް ސްޓޭޑިއަމަށް ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.