ކުޅިވަރުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ އެޑްވައިޒަރީ ބޯޑަށް ޙުސައިން ޙަލީމް އައްޔަންކުރައްވައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ އެޑްވައިޒަރީ ބޯޑަށް ޙުސައިން އައްޔަންކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ މަސައްކަތްތަކުގެ ތެރޭގައި ކުޅިވަރުގެ ތައުލީމާއި ތަމްރީނުތައް ކުރިއަށް ގެންދިއުމާއި، ކުޅިވަރުގެ ތައުލީމާ ގުޅޭ ދިރާސާތައް ހިންގައި، އެ އިންސްޓިޓިއުޓް އިން ހިންގާ ތަމްރީނުތައް އާންމުކުރުމާއި، ކުޅިވަރުގައި ހަރަކާތްތެރިވާ މީހުންނާއި އެތުލީޓުންނަށް އެންޓި-ޑޯޕިންގެ ތައުލީމު ދިނުމުގެ އިތުރުން އެތުލީޓުންނަށް އެންޓި-ޑޯޕިން ޓެސްޓު ހެދުމަށް މަގުފަހިކޮށްދިނުމާއި، ރާއްޖޭގެ އެތުލީޓުންގެ އެންޓި-ޑޯޕިންއާ ގުޅޭގޮތުން ދެކުނު އޭޝިއާ ސަރަހައްދުގެ އެންޓިި-ޑޯޕިން އޯގަނައިޒޭޝަންއާ ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ އެޑްވައިޒަރީ ބޯޑަށް ޙުސައިން އައްޔަންކުރެއްވިއިރު، މި ފަހުން އޭނާ ވަނީ އެމެރިކާގެ ޑެލެވެއާ ޔުނިވާސިޓީން ކުރިއަށްގެންދިޔަ އިންޓަރނޭޝަނަލް ކޯޗިން އެންރިޗްމަންޓް ޕްރޮގްރާމް (އައިސީއީސީޕީ) ފުރިހަމަކުރައްވާފައެވެ. ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމުގެ ކޯޗުކަން ކުރެއްވި ޙުސައިންއަށް އެ ސްކޮލާޝިޕް ލިބުނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) މެދުވެރިކޮށެވެ.
ޙުސައިން ރަސްމީކޮށް އެތުލެޓިކްސް ކޯޗިން ކޯސް ފުރިހަމަކުރައްވާފައިވަނީ 2018 ވަނަ އަހަރެވެ. އެ އަހަރުގެ ޖެނުއަރީ މަހު ލ. އަތޮޅުގައި ބޭއްވި އެތުލެޓިކްސް ކޯޗިންގެ ލެވެލް އެކެއްގެ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު، އެ އަހަރުގެ ނޮވެމްބަރު މަހު ވަނީ ސިންގަޕޫރުގައި ކޯޗިންގެ ލެވެލް ދޭއް ފުރިހަމަކުރައްވާފައެވެ.
އޭގެ ފަހުން އެތުލެޓިކްސްގެ ޔޫތު ޓީމުތަކާއެކު މަސައްކަތް ކުރެއްވިއިރު، 2018 ގެ އޭޝިއަން ޔޫތު ގޭމްސްގައި ކޯޗެއްގެ މަސައްކަތްތައް ކުރަމުން އޭނާ ވަނީ ރާއްޖޭގެ ޗެފް ޑި މިޝަންގެ ޒިންމާތައްވެސް އަދާކުރައްވާފައެވެ.
ސީނިއާ ޓީމާއެކު ޙުސައިންގެ އެންމެ ފުރަތަމަ ބޮޑު މުބާރާތަކީ 2019 ގެ ސައުތު އޭޝިއަން ގޭމްސްއެވެ. އޭގެ ފަހުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރެއްވި ރާއްޖޭގެ ކުރީގެ އެންމެ ބާރު ދުވުންތެރިޔާ، ހުސައިން ދުވުން ހުއްޓާލީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހަޓީގައި އޮތް ސައުތު އޭޝިއަން ގޭމްސްއަށް ފަހުގައެވެ.