ޚަބަރު

ހަނގުރާމަވެރިންގެ ބޭނުމަކީ ޗައިނާއިން ހިންގައި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުވުން: ޕާކިސްތާން


ޕާކިސްތާނުގެ ހުޅަނގުދެކުނު ބަލޫޗިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން މިހާރު ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ މަޤުޞަދަކީ, އެ ސަރަޙައްދަށް ސަރުކާރުން ގެންނަން އުޅޭ ޢުމްރާނީ އަދި އިޤުތިޞާދީ ތަރައްޤީއަށް ހުރަސް އެޅުން ކަމަށް ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ތުހުމަތު ކުރައްވައިފިއެވެ. އޭނާ ވިދާޅުވީ, ހަނގުރާމަވެރިންގެ އަމާޒަކީ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ) ޕުރޮގުރާމުގެ ދަށުން ހިންގަމުންދާ އިޤުތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުވުން ކަމުގައެވެ.

އޮގަސްޓު 26ވަނަ ދުވަހު ބަލޫޗިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ފެށި ޙަމަލާތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދު ވަނީ 70އަށް އުފުލިފައެވެ. "ނިރުބަވެރިން އެ އުޅެނީ ސީޕީއީސީގެ އިތުރުން ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުވަން،" ކެބިނެޓުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވިއެވެ. ހަތިޔާރު އެޅި ޖަމާޢަތްތަކުގެ އަމާޒަކީ އިސްލާމްއާބާދާއި ބެއިޖިންގއާ ދެމެދު ނުތަނަވަސް ކަން އުފެއްދުން ކަމުގައި ވެެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ބެލްޓް އެންޑް ރޯޑް އިނިޝިއެޓިވްގެ ދަށުން ޗައިނާއިން ވަނީ ޕާކިސްތާނުގެ ޢުމްރާނީ ތަރައްޤީއަށް 65 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރަން ނިންމާފައެވެ. ސީޕީއީސީގެ ދަށުން. ހިންގަމުންދާ މަޝްރޫޢުތަކަކީ ބެލްޓް އެންޑް ރޯޑް އިނިޝިއެޓިވްގެ ދަށުން ހިންގަމުންދާ މަޝްރޫޢުތަކެކެވެ.

އެ މަޝްރޫޢުގެ ދަށުން ބަލޫޗިސްތާނުގައި ހިންގަމުންދާ މަޝްުރޫޢުތަކުގެ ބޭނުމަކީ, ޤުރުދަރީ މައުދަނުގެ ގޮތުން މުއްސަނދި އެ ސަރަހައްދުން އިޤުތިޞާދީ ނަފާ ހޯދުމެވެ. ނަމަވެސް, އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ބޭނުން ވަނީ ޤުދުރަތީ ވަސީލަތްތަކުން ލިބޭ ނަފާއިން އެ ސަރަޙައްދުގެ ރައްޔިތުންނަށް ވެސް މާލީ ފައިދާ ހޯދައިދިނުމަށެވެ.

ބަލޫޗިސްތާން ޕުރޮވިންސުގައި ހިންގަމުންދާ މަޝްރޫޢުތައް ހުއްޓުވަން ހަތިޔާރު އެޅި ޖަމާޢަތްތަކުން ދެމުންދާ ޙަމަލާތައް ބެއިޖިންގުން ވެސް ވަނީ ކުށްވެރި ކޮށްފައެވެ. "[ބަލޫޗިސްތާން] ސަރަޙައްދުގައި އަަމަންއަމާން ކަން ދެމެހެއްޓުމަށާއި, ނިރުބަވެރިކަމާ ދެކޮޅަށް ޕާކިސްތާނުން ހިންގަމުންދާ އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޗައިނާއިން އޮތީ ތައްޔާރަށް،" ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިޔަން ވިދާޅުވިއެވެ.

ބަލޫޗިސްތާނުގައި ހިންގަމުންދާ މަޝްރޫޢުތަކުގައި އަމަލީ ގޮތުން މަސައްކަތް ކުރަމުންދާ ޗައިނާގެ ރައްޔިތުންނަށް އޮތް ނުރައްކަލާ މެދު ޗައިނާއިން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށް, އެ މަޢުލޫމާތު ޕާކިސްތާނުގެ ސަރުކާރާ ހިއްސާ ކޮށްފައިވެއެވެ. އެ ސަރަޙައްދުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި މާރިޗު މަހަށް ފަހު ޗައިނާގެ ހަ އިންޖިނޭރުން ވަނީ މަރުވެފައެވެ. ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ގިނަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޗައިނާގެ އެހީތެރިކަމާ އެކު ގަވާދަރުގައި ބިނާ ކުރަމުންދާ ބަނދަރަށެވެ.

މި ހަފުތާގެ ތެރޭގައި ބަލޫޗިސްތާނުގެ ފުލުހުންގެ މަރުކަޒުތަކާއި, ރޭލު ދަތުރުފަތުރުގެ ނިޒާމާއި ހަލިމަގުތަކަށް ދޭން ފަށާފައިވާ ޙަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ބަލޫޗިސްތާން ލިބެރޭޝަން އާމީ (ބީއެލްއޭ)ންނެވެ.