އިނގިރޭސިވިލާތުގެ ގައުމީ ޓީމަށް ފަސް އަހަރު ދުވަހު ކޯޗުކޮށްދިން ސްވެން ގޯރަން އެރިކްސަން ކެންސަރު ބަލީގައި އިއްޔެ މަރުވުމާއެކު، އޭނާ އާއެކު މަސައްކަތް ކުރި ގިނަ ކުޅުންތެރިންތަކެއް އެ މީހުންގެ ޝުއޫރުތައް ހާމަަކޮށްފިއެވެ.
އެރިކްސަންގެ މަރާއިއެކު އެންމެ ބޮޑު އަސަރެއް ކޮށްފައިވާ އިނގިރޭސިވިލާތުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ބުނެފައިވަނީ އޭނާ މުޅީ އުމުރަށްވެސް އެރިކްސަން ކޮށްދީފައިވާ ކަންތައްތަކަށް ޝުކުރުވެރިވާނެ ކަމަށާއި އެކަންތައް ބަލައިގަންނާނެ ކަމަށެވެ. އަދި އެއީ ކަމަށް ކަމޭހިތާ، ހިތްހެޔޮ އަދި މަޑުމައިތިރި މީހެއް ކަމަށެވެ.
އެރިކްސަން ކޯޗުކަމާއި ހަވާލުވެ އޭނާ ވަނީ ކެޕްޓަން ބޭންޑް ބެކަމްއަށް ދީފައެވެ. އަދި ބެކަމް ވަނީ 59 މެޗުގައި އިނގިރޭސިވިލާތުގެ ކެޕްޓަން ބޭންޑް އަޅާފައެވެ.
އެރިކްސަންއަށް ކެންސަރު ބަލި ޖެހުނުކަން މި އަހަރުގެ ޖެނުއަރީ މަހު އިއުލާން ކުރުމާއިއެކު ބެކަމް ވަނީ މި އަހަރުގެ ކުރީކޮޅު އޭނާ އާއި ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގެ ވީޑިއޯ އެއް ސޯޝަލް މީޑިޔާއަށް ދޫކޮށްލުމަށްފަހު ބެކަމް ބުނެފައިވަނީ އެ ބައްދަލުވުމުގައި ވަދާއީ ސަލާމް ކުރާކަން އިހުސާސް ކުރެވުނު ކަމަށާއި އަދި އެދުވަހު އެ ދެމީހުންނަށް ތަފާތު އިހުސާސްތަކެއް ކުރެވިފައިވާ ކަމަށެވެ.
އަދި އަބަދަށްވެސް އެ ހަނދާންތައް އާކުރާނެ ކަމަށާއި އެރިކްސަންގެ އެންމެ ފަހު ބަހަކަށް އޭނާ އާއި މުހާތަބުކޮށް ބުނެފައިވަނީ އެކަންތައް ރަގަޅު ވާނެ ކަމަށެވެ.
ބެކަމްގެ އިތުރުން އިނގިރޭސިވިލާތުގެ ކުރީގެ ފޯވަޑް ވޭން ރޫނީ ބުނެފައިވަނީ އެރިކްސަން އަކީ އޭނާއަށް ހާއްސަ މީހެއް ކަމަށާއި އޭނާގެ ނަސޭހަތާއި ވެދިން އެހީތެރިކަން އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ. ވޭން ރޫނީގެ އުމުރުން އެންމެ 17 އަހަރުގައި އެރިކްސަން ވަނީ އޭނާއަށް ގައުމީ ޓީމުން ފުރުސަތު ދީފައެވެ.
އިނގިރޭސިިވިލާތުގެ މިހާރުގެ ކެޕްޓަން ހެރީ ކޭން ބުނެފައިވަނީ އޭނާގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ލިބިފައިނުވި ނަމަވެސް އެ ފުރުސަތު ލިބުނު ކުޅުންތެރިންގެ ފަރާތުން އެއީ އެންމެންގެ އިހުތިރާމް ލިބިފައިވާ ކޯޗެއްކަން އެނގިގެންދާ ކަމަށެވެ.
އިނގިރޭސިވިލާތުގެ "ގޯލްޑަން ޖެނެރާޝަން" އަށް ކޯޗުކޮށްދިން އެރިކްސަންއަށް ހުރިހާ ކުޅުންތެރިންގެ ފަރާތުން ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންދާއިރު މުޅި ދުނިޔޭގެ ފުޓްބޯޅަ އާއިލާޢިން ވެސް ވަނީ އެރިކްސަންގެ ހަނދާންތައް އާކޮށްފަ އެވެ.
ވަނަ އަހަރު އިނގިރޭސި ގައުމީ ޓީމާއި ހަވާލުވުމުގެ ކުރިން އެރިކްސަން ވަނީ ސްވިޑަން، ޕޯޗުގަލް އަދި އިޓަލީގެ ކްލަބްތަކަށް ކޯޗުކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި މެންޗެސްޓަރ ސިޓީ، ލެސްޓަރ ސިޓީ، އިޓަލީގެ ލާޒިއޯ، ފިއޮރެންޓީނާ، ސަމްޕްޑޯރިއާ އަދި ރޯމާއަށް ކޯޗުކޮށްދީފަ އެވެ.
މީގެ އިތުރުން އެރިކްސަން ވަނީ ފިލިޕީންސް އާއި އައިވަރީ ކޯސްޓްގެ އިތުރުން މެކްސިކޯގެ ގައުމީ ޓީމަށްވެސް ކޯޗުކޮށްދީފަ އެވެ.