ދުނިޔެ

ޖީ ހަތެއްގެ ސަމިޓުގެ ދެވަނަ ދުވަހުގެ ބައްދަލުވުންތައް ބާއްވައިފި


އިޤްތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ޤައުމުގެ މައްޗަށް އެކުލެވޭ ޖީ ހަތެއްގެ ސަމިޓުގެ ދެވަނަ ދުވަހުގެ ބައްދަލުވުންތައް ޖަޕާނުގެ ރަށެއްކަމަށްވާ ޝީމާގައި ބާއްވައިފިއެވެ.

ޖީ ހަތެއްގެ ސަމިޓުގެ ދެވަނަ ދުވަހުގެ ބައްދަލުވުންތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތަކާއި، ހަކަތައިގެ ދާއިރާގެ މަޝްވަރާތަކަށެވެ.

މި ބައްދަލުވުންތަކުގައި ތިމާވެށި ހިމާޔަތްކުރުމާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ ޕެރިސް އެގްރީމެންޓާއި ބެހޭ ގޮތުން މަޝްވަރާކޮށްފައިވާކަމަށް މި ސަމިޓުގެ ބައިވެރިއެއްކަމަށްވާ ފަރަންސޭސި ވިލާތުން ބުނެއެވެ. ޕެރިސް އެގްރީމެންޓުގައި އެއްބަސްވެފައިވާ ކަންތައްތަކަށް ޢަމަލުކުރުމަށް ބާރު އެޅުން މިއީ ފަރަންސޭސި ރައީސް ފްއޮންސްވާ އޮލޯންދްގެ ވަރަށް ބޮޑު ބޭނުންފުޅެކެވެ.

މި ސަމިޓުގެ ބައްދަލުވުންތައް ފެށުމާއިއެކު، ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލާ އެކްޓިވިސްޓުންގެ ޓީމްތަކުންވަނީ ސަމިޓް ކުރިޔަށްދާ ޝީމާގައި މުޒާހަރާކޮށް އަޑުއުފުލަން ފަށާފައެވެ. ޖީ ހަތެއްގެ ޤައުމުތަކުގެ އެންމެ ފަހުގެ ބައްދަލުވުން ބާއްވާފައިވަނީ ޖަރުމަނު ވިލާތުގައެވެ. އެ ބައްދަލުވުމުގައި ޖީ ހަތެއްގެ މެމްބަރު ޤައުމުތަކުންވަނީ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ މިންވަރު ކުޑަކުރުމަށް އެއްބަސްވެފައެވެ.

ތިމާވެއްޓާއި ގުޅުން ހުރި ދާއިރާތަކުގެ އިތުރުން، ޓެރެރިޒަމާއި، ރެފިޔުޖީންގެ މައްސަލައާއި، ވިޔަފާރިއާ، ސައިބަރ ސެކިއުރިޓީ، އަދި ކަނޑުމަތީގެ ރައްކާތެރިކަމާއި ބެހޭ ގޮތުން މިހާރު ކުރިއަށްދާ ޖީ ހަތެއްގެ ބައްދަލުވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެއެވެ. ޖީ ހަތެއްގައި ހިމެނޭ ޤައުމުތަކަކީ ފަރަންސޭސި ވިލާތް، ޖަރުމަނު ވިލާތް، އިޓަލީ ވިލާތް، ޖަޕާން، އެމެރިކާ، އިނގިރޭސި ވިލާތް އަދި ކެނެޑާއެވެ.