ޚަބަރު

ދިވެހި އަސްކަރިއްޔާ ތަރައްޤީކުރެއްވުމަށް 10 މިލިއަން ޑޮލަރު


ޕާކިސްތާނުން ރާއްޖެއަށް ދިނުމަށް ނިންމާފައިވާ 10 މިލިއަން ޑޮލަރުގެ ކްރެޑިޓްލައިން ފެސިލިޓީއާބެހޭ އެއްބަސްވުމުގައި އަންނަ ޖުލައިމަހުގެ ތެރޭގައި ސޮއިކުރެވޭނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރ ޙަވާޖާ މުޙައްމަދު އާސިފްގެ ދަޢުވަތަކަށް މިމަހުގެ 23 ން 27 އަށް އެޤައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވަލެއްވުމަށްފަހު ރާއްޖެ ވަޑައިގެން މީޑިއާއަށް މަޢުލޫމާތުދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން އަސްކަރީ ތަމްރީނުތަކަށާއި، ސަރވައިލެންސްއަށް ބޭނުންކުރެވޭނެ ދެ މަތިންދާބޯޓަކާއި، އެކި ބޭނުންތަކަށް ބޭނުންކުރެވޭނެ، އަދި މީހުންނާއި ތަކެތި އުފުލޭނެ އުޅަނދެއް މި ކްރެޑިޓް ފެސިލިޓީ ތެރެއިން ހޯއްދަވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ދޭން ނިންމާފައިވާ ކްރެޑިޓްލައިން ފެސިލިޓީ ބޭނުންކުރާނީ ރާއްޖޭގެ އަސްކަރިއްޔާ ތަރައްޤީކުރުމަށްކަމަށެވެ.

img:http://s3.psmnews.mv/images/660x400/14643556323988.jpg|އެމްއެންޑީއެފުން މިހާރު ބޭނުންކުރަމުންދާ ހެލިކޮޕްޓަރެއް / ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ޑިފެންސް މިނިސްޓަރ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިންއާވެސް ބައްދަލުކުރެއްވިއެވެ. އަދި ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރ ޙަވާޖާ މުޙައްމަދު އާސިފާއި އެ ޤައުމުގެ އެހެން އިސް ބައެއް މަސްއޫލްވެރިންނާ ބައްދަލުކުރެއްވިއެވެ. އަދި އެ ޤައުމުގައި އަސްކަރީ ހަތިޔާރު އުފައްދާ ފެކްޓަރީތަކަށް ޒިޔާރަތްކުރައްވައި، އެތަންތާނގައި ކުރެވޭ މަސައްކަތްތައް ބައްލަވާލެއްވިއެވެ.އަދި މަތިންދާބޯތްތައް އުފައްދާ ފެކްޓަރީތަކަށްވެސް ޒިޔާރަތްކުރެއްވިއެވެ. މީގެ އިތުރަށް ޕާކިސްތާނުން ޓެރަރިޒަމާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް އެމަނިކުފާނަށް އެރުވިއެވެ. 

ޑިފެންސް މިނިސްޓަރ ވިދާޅުވީ ޕާކިސްތަނަކީ އަސްކަރީ ވިޔަފާރީގައި ވަރަށް ކުރިއަރާފައިވާ ޤައުމެއްކަމަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ އަސްކަރިއްޔާއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ