ޚަބަރު

އާދަމް ޒާހިރުގެ ފަންނީ އެހީތެރިކަން ޕޮލިހަށް ބޭނުންވޭ- ސީޕީ


ޕޮލިސް ސަރވިސްގެ ހިންގުން ހަރުދަނާކުރެއްވުމަށްޓަކައި ރިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރުގެ ފަންނީި އެހީތެރިކަން ހޯއްދެވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. 

މިކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްއާއި ރިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައި އިދާރާގައި ބޭއްވި ޚާއްސަ ބައްދަލުވުމެއްގައެވެ. އާދަމް ޒާހިރުގެ ފަންނީ އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަކުރައްވާ ކޮމިޝަނަރ އަރީފް ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައި ފެށުނު ދަނޑިވަޅުގައި އެ މުއައްސަސާގެ ހިންގުން ހަރުދަނާ ކުރައްވައި މުހިއްމު ބަދަލުތަކެއް އާދަމް ޒާހިރު ގެންނެވިކަން ފާހަގަކުރެއްވިއެވެ. އަދި އޭރު އާދަމް ޒާހިރުގެ މޭސްތިރިކަމުން ގެނެސްދެއްވި ބަދަލަކީ ވަރަށް މުހިއްމު އަދި އެހާމެ ހަރުދަނާ ބަދަލުތަކެއް ކަމަށާއި މިއަދުވެސް ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާ ކުރުމުގައި އެފަދަ ރޭވުންތެރިކަމާއި ޙިކުމަތްތެރިކަން ބޭނުންވާކަންވެސް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.  

ރިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މުއައްސަސާގެ ކުރިއަރުވާ، ހަރުދަނާ ކުރުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އެމަނިކުފާނުގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ. އަދި އެފަދަ އެދުމަކަށް އަބަދުވެސް މަރުޙަބާ ވިދާޅުވާނެ ކަމަށާއި ވަގުތު ވެވަޑައިގެންނެވި ވަރަކުން އެދިވަޑައިގަތް ކޮންމެ ކަމެއްގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް އާދަމް ޒާހިރު ވިދާޅުވި.

ޝަހީދު ހުސެއިން އާދަމް ބިލްޑިންގގައި އޮތް މިބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޖަމްޝީދު ބައިވެރިވެވަޑައިގަތެވެ.