ސްކޮޓް މެކްޓޮމިނޭ ހޯދުމަށް އިޓަލީގެ ނާޕޮލީން ހުށައަޅާފައިވާ ފީއަށް މެންޗެސްޓާ ޔުނައިޓެޑުން އެއްބަސްވެއްޖެއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ނަޕޯލީ އިން ވަނީ 30 މިލިއަން ޔޫރޯ އާިއ ގާތްކުރާ އަދަދެއްގެ ފީއެއް ހުށައަޅާފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑް އިން ނަޕޯލީގެ ހުށައެޅުން ގަބޫލުކުރި ނަމަވެސް މެކްޓޮމިނޭ އާއި ނަޕޯލީ އާއި ދެމެދު އަދި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. މިއީ މެކްޓޮމިނޭ ވިއްކާލަން ބޭނުންވާކަމަށް މެންޗެސްޓަރ ޔުނައިޓެޑްއިން ހާމަކޮށްފައިވާ ދެވަނަ ސީޒަނެވެ.
މިދިޔަ އޮގަސްޓް މަހު ޕްރިމިއާ ލީގުގެ ފުލަމް އިން ވަނީ މެކްޓޮމިނޭ ހޯދުމަށް 20 މިލިއަން ޕައުންޑްގެ ހުށައެޅުމެއް ހުށައަޅާފަ އެވެ. ނަމަވެސް މެންޗެސްޓަރ ޔުނައިޓެޑްއިން ވަނީ އެ ހުށައެޅުން ދޫކޮށްފައެވެ. އަދި މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ކްލަބް ވެސްޓް ހޭމްއިން އޭނާ ހޯދުމަށް ހުށައެޅުމުން މެކްޓޮމިނޭވަނީ އެކްލަބުގެ ހުށައެޅުންވެސް ދޫކޮށްލާފައެވެ.
މި ސީޒަނުގައި ކޯޗު އެރިކް ޓެންހާގް މެކްޓޮމިނޭއަށް ކުޅުމުގެ ފުރުސަތު ދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ސްކޮޑް އިތުރަށް ވަރުގަދަ ކުރަން ބޭނުންވާކަމަށް ޓެންހާގް ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އެ ޓީމުންވަނީ ޕީއެސްޖީއަށް ކުޅެމުންދާ އުރުގުއޭގެ މެނުއަލް އުގާޓޭ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް އަދި މިހާތަނަށް އެކަމުގައި އަލިމަގެއް އެ ކްލަބަށް ފެނިފައެއް ނުވެއެވެ.