ޚަބަރު

ނޮސްކޯވާ ފުރަތަމަ ފަހަރަށް ޑަބްލިއު ޓީ އޭ މުބާރާތެއް ކާމިޔާބުކޮށްފި


މެކްސިކޯގެ މޮންޓެރޭގައި ނިމިގެންދިޔަ މޮންޓެރޭ އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް ލިންޑާ ނޮސްކޯވާ އޭނާގެ ފުރަތަމަ ޑަބްލިއު ޓީ އޭ މުބާރާތް ކާމިޔާބުކޮށްފި އެވެ.

އުމުރުން އެންމެ 19 އަހަރުގެ ނޮސްކޯވާ މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ނިއު ޒިލޭންޑްގެ ލޫލޫ ސަން އާއި ދެކޮޅަށް ކުޅުނު މެޗު 6-7 އަދި 6-4 ގެ ނަތީޖައަކުންނެވެ. މި މެޗުން ނޮސްކޯވާ މޮޅުވިއިރު ދާދި ފަހުން ނިމިގެންދިޔަ ސިންސިނާޓީ އޯޕަންގައި ނޮސްކޯވާ ވަނީ ސަން އަތުން ބަލިވެފައެވެ.

ދުނިޔޭގެ ރޭންކިންގެ 35 ވަނައިގައި މިވަގުތު ހުރި ނޮސްކޯވާ ވަނީ މި މުބާރާތުގެ ސެމީ ފައިނަލުގައި މި މުބާރާތުގެ ދެވަނަ ސީޑް އެމެރިކާގެ އެމާ ނަވާރޯ ބަލިކޮށްފަ އެވެ. އަދި މި މުބާރާތް ކާމިޔާބު ކުރުމާއެކު މިއަދު ފަށާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ކުރިން އޭނާއަށް ވަނީ ބޮޑު އިތުބާރެއް ލިބިފައެވެ.

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ މެޗުގައި ނޮސްކޯވާ ނިކުންނާނީ ދުނިޔޭގެ ރޭންކިންގެ 31 ވަނައިގައި މިވަގުތު ހުރި ޔޫލިޔާ ޕުޓިންސޭވާ އާއި ދެކޮޅަށެވެ.