ކުޅިވަރު

ވުލްފްސްބާގް ބަލިކޮށް، ބަޔާނުން ކޮމްޕެނީ އާއެކު ލީގުގެ ފުރަތަމަ މޮޅު ހޯދައިފި


މެޗު ނިމެންދަނިކޮށް ސާޖް ގެނާބްރީ ވައްދާލި ލަނޑާއެކު 3-2 ގެ ނަތީޖާއަކުން ވުލްފްސްބާގް ބަލިކޮށް، ބަޔާން މިއުނިކުން އައު ކޯޗު ވިންސެންޓް ކޮމްޕެނީ އާއެކު ޖަރުމަން ލީގުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.

ވުލްފްސްބާގްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން އެ ޓީމުން ރަނގަޅަށް ކުޅެމުންދަނިކޮށް ކުރީން ލީޑްނެގީ ބަޔާނުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ޖަރުމަނުގެ މިޑްފީލްޑަރު، ޖަމާލް މުސިއާލާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ބަޔާނުން އެންމެ ރަނގަޅަށް ކުޅެވޭ ގޮތްނުވިއިރު، 47 ވަނަ މިނެޓުގައި ވުލްފްސްބާގުން ނަތީޖާ އެއްވަރުކުރީ ލިބުނު ޕެނަލްޓީއަކުން ކްރޮއޭޝިއާގެ މިޑްފީލްޑަރު، ލޮވްރޯ މާޔާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ޓިއާގޯ ޓޯމަސް އަށް ބަޔާންގެ ސާޝާ ބޯއޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ވުލްފްސްބާގްގެ ފޯޥާޑް، ޕެޓްރިކް ވިމާ ދިން ބޯޅައަކުން މާޔާ ވަނީ ނަތީޖާ 2-1 އަށް ބަދަލުކޮށްލާފައެވެ. މިއީ މި މެޗުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ. އޭގެފަހުން، މެޗުގެ 65 ވަނަ މިނެޓުގައި ވުލްފްސްބާގްގެ ޕޮލެންޑް ޑިފެންޑަރު، ޖަކޫބް ކަމިންސްކީ އަތުން ބައިކޮޅަށް ވަތް ގޯލަކުން ބަޔާނުން އެއްވަރުކުރިއެވެ.

މި މެޗުން ބަޔާން މޮޅުވި ލަނޑު، 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނެބްރީ އެވެ. މިއީ އިނގިރޭސި ކެޕްޓަން، ހެރީ ކޭން އާއި ތޯމަސް މުލާ ގުޅިގެން ތަނަވަސްކުރި ފުރުޞަތަކުން، ކޭން ޖައްސާލި ޕާހަކުން ނެބްރީ ކާމިޔާބުކުރި ގޯލެކެވެ.

ލީގުގައި ބަޔާނަށް ދެން އޮތީ އަންނަ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ފްރެއިބާގްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.