ކުޅިވަރު

އެންފީލްޑުގައި ކުޅުނު ސްލޮޓުގެ ފުރަތަމަ މެޗުގައި ބްރެންޓްފަޑް އަތުން ލިވަޕޫލަށް މޮޅެއް


އައު ކޯޗު އާނޭ ސްލޮޓްގެ އިރުޝާދުގެ ދަށުން އެންފީލްޑުގައި ކުޅުނު ފުރަތަމަ މެޗުގައި ބްރެންޓްފަޑް އަތުން 2-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެއެވެ.

މިއީ މި ފަހަރުގެ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމު ކުޅުނު ދެވަނަ މެޗެވެ. ލީގުގެ ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ވަނީ ރަށުން ބޭރުގައި އަލަށް ޕްރޮމޯޓުވި، އިޕްސްވިޗް ޓައުން އަތުން 2-0 އިން މޮޅުވެފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް ވަނީ ތާވަލްގެ އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީ އާއި ބްރައިޓަން އަދި އާސެނަލްއާ އެއްވަރަށް ދެ މެޗުން ހަ ޕޮއިންޓް ހަމަކޮށްފައެވެ. ސިޓީ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ސިޓީ އަށް ފައިދާ ގޯލްގެ ގޮތުގައި ފަސް ގޯލް އޮތްއިރު، ދެވަނައިގައި އޮތް ބްރައިޓަން އާއި ތިނެއްގައި އޮތް އާސެނަލްގެ އިތުރުން ލިވަޕޫލަށް ވެސް ލިބިފައިވަނީ ފައިދާ ހަތަރު ގޯލެވެ. ބްރައިޓަން އަށް ދެވަނަ ލިބެނީ ޖެހިގޯލްގެ ތަފާތުންނެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗު ފެށިގެން 13 ވަނަ މިނެޓުގައި ލީޑްނަގައިދިނީ ކައުންޓާ އެޓޭކެއްގައި އެ ޓީމުގެ ޕޯޗުގީޒް ފޯވާޑް، ޑިއޯގޯ ޖޮޓާ އާއި ކޮލަމްބިއާ ވިންގް، ލުއިސް ޑިއާޒް ގުޅިގެން އުފެއްދި ހަމަލާއަކުންނެވެ. ޖޮޓާ ދިން ޕާހަކުން މި ލަނޑުޖަހައިދިނީ ޑިއާޒް އެވެ. މިއީ ލިވަޕޫލްގެ ޖާޒީގައި ޑިއާޒް ކުޅުނު 100 ވަނަ މެޗެވެ.

ބްރެންޓްފަޑަށް އެއްވަރުކޮށްދޭން ލިބުނު އެންމެ ރަނގަޅު ދެ ފުރުޞަތުގައި ފުރަތަމަ ހާފު ނިމެން ދަނިކޮށް އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއަން ނޯގާޑް ބޮލުން ފޮނުވާލި ބޯޅައަކާއި، ފަހު ހާފުގެ ކުރީކޮޅު ނޭތަން ކޮލިންސް ބޮލުން ފޮނުވާލި ހަމަލާ ވެސް ގޯލަކަށް ބަދަލުކޮށްލެވޭ ގޮތެއްނުވިއެވެ. މީގެތެރެއިން، ނޯގާޑް ފޮނުވާލި ބޯޅަ ދަނޑިކައިރިން ބޭރަށް ދިޔައިރު، ކޮލިންސް ފޮނުވާލި ހަމަލާ ލިވަޕޫލްގެ ގޯލްކީޕަރު، އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ލިވަޕޫލްގެ ދެވަނަ ލަނޑުޖަހައިދީ، މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު ވަނީ އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ޑިއާޒް އެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ސަލާހު ޖެހި ދެވަނަ ލަނޑެވެ.

ލީގުގައި ލިވަޕޫލް ދެން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ނިކުންނާނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.