ކުޅިވަރު

ލުނިން، މި ސީޒަނުގައި ރެއާލްގައި މަޑުކުރާނެ: ރިޕޯޓު


ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޔޫކްރެއިންގެ ގޯލްކީޕަރު އެންޑްރީ ލުނިން، މި ސީޒަނުގައި އެ ޓީމުގައި މަޑުކުރާނެ ކަމަށް ފަހުގެ މީޑިއާ ޚަބަރުތައް ބުނެފިއެވެ.

ދި އެތުލެޓިކް އިން ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރެއާލް އާއެކު ލުނިން، 25، ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު، 2028 ވަނަ އަހަރާ ހަމައަށް އެ ކްލަބުގައި ހުރުމަށް އައު ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް އޮތީ ތައްޔާރުވެފައެވެ.

އެގޮތުން، ލުނިން އާއި ރެއާލްއާ ގާތް މަސްދަރުތަކުން ބުނާގޮތުގައި، އޭނާގެ ކޮންޓްރެކްޓް އައުކުރުމުގެ ކަންތައް މިހާރު އޮތީ ކްލަބުގެ އަތްމަތީގައެވެ. ނަމަވެސް، ދާދިފަހުން ރެއާލުން ވަނީ ލުނިން އެ ކްލަބުގައި ބަހައްޓަން ބޭނުންވާކަން ހާމަކޮށްފައެވެ.

ލުނިން، ރެއާލަށް ބަދަލުވި 2018 ވަނަ އަހަރުގައި އެފްސީ ޒޯރްޔާ ލުހަންސްކް އިންނެވެ. އޭރު އެ ކްލަބާއެކު ހެދި އެއްބަސްވުން ހަމަވާން އޮތީ ނިމިދިޔަ ސީޒަނުގެ ނިޔަލަށެވެ. އެކަމަކު، އޭގެފަހުން 2019 ވަނަ އަހަރު ސޮއިކުރި އައު ކޮންޓްރެކްޓްގެ ދަށުން އިތުރު އެއް އަހަރަށް އެއްބަސްވުން ދިގުދަންމާލިއެވެ.

ރެއާލްގައި މިހާތަނަށް ހޭދަކުރީ މުއްދަތުގައި ލުނިން އެންމެ ގިނަ މެޗު ކުޅެފައިވަނީ ނިމިދިޔަ ސީޒަނުގައެވެ. އެގޮތުން، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރެއާލްގެ އެއްވަނަ ގޯލްކީޕަރު ކަމަށްވާ، ތިބައުޓް ކޯޓުއާގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާގެ ސަބަބުން ލުނިން ވަނީ އެ ޓީމުގެ ގޯލް ބަލަހައްޓާފައެވެ.

އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ކުޅުނު 31 މެޗުގެ ތެރެއިން 12 މެޗުގައި ލަނޑެއްވަނަނުދީ ހިފަހައްޓާފައެވެ. އޭގެތެރެއިން، ރެއާލުން އެންމެ ފަހުގެ ސްޕެނިޝް ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.

އެކަމަކު، އެ ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ރެއާލްގެ ގޯލް ބެލެހެއްޓީ ކޯޓުއާ އެވެ. މީގެއިތުރުން، މި ފަހަރުގެ އައު ސީޒަނުގައި ފާއިތުވި ހަފްތާގައި ލީގުގައި ރެއާލް ކުޅުނު ފުރަތަމަ މެޗުގައި މަޔޯކާއާ 1-1 އިން އެއްވަރުވިއިރު ލުނިން އިނީ ބެންޗުގައެވެ. އެ މެޗުގައި ރެއާލްގެ ގޯލް ބެލެހެއްޓީ ވެސް ކޯޓުއާ އެވެ.