ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 2-0 ގެ ނަތީޖާއަކުން އެފްސީ ސިންސިނާޓީ ބަލިކޮށް، އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގެ ޕްލޭއޮފް ޖާގައެއް އިންޓަރ މަޔާމީން ހޯދައިފިއެވެ.
2022 ވަނަ އަހަރަށްފަހު ޕްލޭއޮފް ޖާގައެއް އިންޓަރ މިއާމީ އިން ހޯދާފައިވާއިރު ރޭގެ މެޗުގައި އިންޓަރ މިއާމީގެ ތަރި ލިއޮނެލް މެސީ ނުކުޅެއެވެ. މެސީ ދަނީ ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އޭނާގެ ފަޔަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުންނެވެ.
މި މެޗު ފަށައިގެން ފުރަތަމަ ހަ މިނިޓުގެ ތެރޭގައި ސުއަރޭޒް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ.
މިދިޔަ މަހު ސިންސިނާޓީ އާއި ދެކޮޅަށް އިންޓަރ މިއާމީ އިން އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ނުލާ ކުޅުނު މެޗުން އެޓީމު ވަނީ 6-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެހެންކަމުން މިއީ އެ ލަދުވެތި ނަތީޖާ ހަނދާން ނައްތާލުމަށް އެޓީމަށް ލިބުނު ރަގަޅު ނަތީޖާއެކެވެ.
މި މެޗުން މޮޅުވުމާއެކު އީސްޓަން ކޮންފަރެންސްގެ އެއްވަނަ އިންޓަރ މިއާމީއަށް ވަނީ ލިބިފައެވެ. ދެވަނައިގައި އޮތް ސިންސިނާޓީއަށްވުރެ އެ ޓީމަށް ވަނީ ހަ ޕޮއިންޓް އިތުރަށް ލިބިފައެވެ. އެޓީމުން ވަނީ 26 މެޗުން 56 ޕޮއިންޓް ހޯދާފައެވެ.