ޚަބަރު

މަޑުއެކޭގެ ހެޓްރިކާއެކު ޗެލްސީއަށް މުހިންމު މޮޅެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޗެލްސީން ކާމިޔާބުކޮށްފިއެވެ.

ވޮލްވްސްގެ ދަނޑުގައި ކުޅުނު މި މެޗަށް ޗެލްސީން ނިކުތްއިރު ލީގުގެ ފުރަތަމަ މެޗަށް ނެރުނު ޓީމަށް ދެ ބަދަލެއް ކޯޗް މަރެސްކާ ވަނީ ގެނެސްފައެވެ. އެގޮތުން މަޑުއެކޭ އާއި މަޑްރުއިކް އަށް ވަނީ ފުރަތަމަ ޓީމުން ފުރުސަތު ދީފައެވެ.

ޗެލްސީން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ ދެވަނަ މިނިޓްގައި ނިކޮލަސް ޖެކްސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ކޯނަރެއް ވޮލްވްސްގެ ކުޅުންތެރިއަކު ބޮލުން ޖައްސާލިއިރު އޭރިޔާ ތެރޭގައި ހުސްކޮށްހުރެ ޖެކްސަން ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ ފަނަރަ ވަނަ މިނިޓްގައި ވޮލްވްސް އިން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. ޗެލްސީގެ ލަނޑަށްފަހު ވޮލްވްސް އިން ވަނީ ޗެލްސީގެ ޑިފެންސަށް ނުރައްކާ ކޮށްފައެވެ.

އޭގެ ދެ މިނިޓް ފަހުން ޗެލްސީއަށް ވަނީ ލީޑު ފުޅާ ކުރަން ރަގަޅު ދެ ފުރުސަތު ފުލުފުލުގައި ލިބިފައެވެ. އެ ގޮތުން މަޑުއެކޭ ފޮނުވާލި ހަމަލާ ވޮލްވްސްގެ ކުޅުންތެރިން ބްލޮކްކުރިއިރު ޗެލްސީގެ ދެވަނަ ހަމަލާވެސް ކީޕަރު ވަނީ މަތަކޮށްފަ އެވެ.

ވޮލްވްސް އިން ހުއްޓުމެއް ނެތި ޗެލްސީގެ ގޯލަށް ކުރަމުންދިޔަ ނުރައްކާތަކުން ހިތްހަމަ ޖެހުމެއް ލިބިގެން ގޮސްފައިވަނީ މެޗުގެ 27 ވަނަ މިނިޓްގައި މަތިއަސް ކޫނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ކޫނިޔާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުހަށް ހުރެއެވެ.

މެޗުގެ 44 ވަނަ މިނިޓްގައި ވޮލްވްސްއަށް ވަނީ ލީޑު ނަގާނެ ރަގަޅު ފުރުސަތެއް ލިބިފައެވެ. ޗެލްސީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ލަމީނާ ދިން ބޯޅަ މަތިއަސް ކޫނިއާ ފޮނުވާލި ނަމަވެސް އެ ހަމަލާ އަމާޒުވެފައިވަނީ ޗެލްސީގެ ހުރަސް ދަނޑިއަށެވެ.

އޭގެ މިނިޓެއް ފަހުން ޗެލްސީން ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. ވޮލްވްސްގެ ކުޅުންތެރިން ކުރިއަށް އަރާ ތިބި ވަގުތެއްގައި ކީޕަރު ކުރިއަށް ފޮނުވާލި ބޯޅަ ޖެކްސަން ޕާމާއަށް ޖައްސާލުމުން އޭނާ ވަނީ ކީޕަރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި ލާސަން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފަ އެވެ.

ދެވަނަ ހާފަށް ޗެލްސީން ނިކުމެފައިވަނީ ބަދަލަކާއެކުއެވެ. އެގޮތުން މަޑްރައިކްގެ ބަދަލުގައި ޕެޑްރޯ ނެޓޯ ވަނީ ކުޅެން އަރުވާފައެވެ.

ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓްގައި ޗެލްސީގެ މަޑުއެކޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ތިންވަނަ ފަހަރަށް ޗެލްސީއަށް ލީޑު ނަގައިދީފައެވެ.

ޗެލްސީއަށް މި މެޗުގައި ފުރަަތަމަ ފަހަރަށް ލީޑު ފުޅާ ކުރެވިފައިވަނީ މެޗުގެ 58 ވަނަ މިނިޓްގައި ނޮނީ މަޑުއެކޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މަޑުއެކޭ މި ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ އޭރިޔާ ތެރެއިން ޕާމާ ދިން އެސިސްޓަކުންނެވެ.

ޗެލްސީގެ މަޑުއެކޭ ވަނީ އޭގެ ފަސް މިނިޓް ފަހުން އިތުރު ލަނޑެއް ކާމިޔާބުކޮށް އޭނާގެ ފުރަތަމަ ހެޓްރިކް ހަދާ މެޗުގެ ނަތީޖާ 5-2 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑު ވެސް މަޑުއެކޭ ކާމިޔާބުކޮށްފައިވަނީ ޕާމާގެ އެސިސްޓަކުންނެވެ.

މި މެޗުގައި ޗެލްސީން ޖެހި 6 ވަނަ ލަނޑު މެޗުގެ 80 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނެޓޯގެ އެސިސްޓަކުން ޖޮއާއޯ ފެލިކްސް އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ޗެލްސީގެ ކޯޗް އެންޒޯ މަރެސްކާއަށް މިއީ މުހިންމު މޮޅެކެވެ.