ސިއްހަތު

ރާއްޖޭގައި ވިއްކާ ބައެއް ބާވަތުގެ ސުޕާރީގައި ދުންފަތް !


ރާއްޖެއަށް އެތެރެކުރާ ބައެއް ވައްތަރުގެ ސުޕާރީގައި ދުންފަތުގެ އަސަރު ހުންނަކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން- އެޗް.ޕީ.އޭ އިން ވިދާޅުވެއްޖެއެވެ. ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން އެޗް.ޕީއޭގެ ޑިރެކްޓަރ ޖެނެރަލް ހަސަން މުޙައްމަދު ވިދާޅުވީ މިފަދަތަކެތި ޓެސްޓް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ދުންފަތް ޕްރޮމޯޓްކުރާ މީހުން ސިގެރޭޓްގެ ބަދަލުގައި ދުންފަތް ޕްރޮމޯޓްކޮށް މާރކެޓް ހޯދުމަށް އާގޮތައް ތަޢާރަފް ކުރަން މިހާރު ފަށާފައިވާކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ދުންފަތުން ލިބޭ ގެއްލުންތައް އާމުންނަށް އަންގައިދީ، މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި، ސަރުކާރުން ދަނީ ގިނަމަސައްކަތްތަކެއް ކުރައްވަމުންނެވެ. ދުންފަތް ކޮންޓްރޯލްކުރުމަށް ހުރި ގޮންޖެހުންތަކަށް ބަލާއިރު އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތި ވަނީ ވިޔަފާރިތަކުގެ ނުފޫޒުކަމަށް ސިއްހީ ދާއިރާގެ މާހިރުން ވިދާޅުވެއެވެ. ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކުން ޤާނޫނާއި ޤަވައިދާ ޚިލާފަށް ދުންފަތް އިޝްތިހާރުކުރުމާއި އައު އުފެއްދުންތައް ނެރެ، ޤަވައިދާއި ޚިލާފަށް މިފަދަތަކެތި ޕްރޮމޯޓް ކުރުމުންދާކަމަށް ހެލްތް ޕްރޮޓަކްޝަން އެޖެންސީން މަޢުލޫމާތުދެއެވެ. މިހާރު ރާއްޖެއަށް ވެސް އާބަވަތްތަކުގެ ދުންފަތް ތަޢާރަފް ވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް ހަސަން މުޙައްމަދު ވިދާޅުވިއެވެ.

ދުންފަތް މާރކްޓް ކުރާ މީހުން މިވަނީ މީހުންނަށް ނޭންގޭނެ ގޮތަށް ދުންފަތުގެ އަވާގައި މީހުންޖެއްސުމަށް މަސައްކަތް ފަށާފައެވެ. ރާއްޖެގައިވެސް ދުންފަތު ގެ އަސަރު ހުންނަ ތަފާތު ވައްތަރުގެ ދުފާއެއްޗެހި އެތެރަވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން މައުލޫމާތުދެއެވެ. ހަސަން މުޙައްމަދު ވިދާޅުވީ މިހާރު އެތެރެކުރަމުންދާ ބައެއް ސުޕާރީގައި ގިނައަދަދަކަށް ދުންފަތް އެކުލެވެކަމަށާއި، އެހެންނަމަވެސް ސުޕާރި އެތެރެ ކުރާފަރާތްތަކުން އެކަންކަން އޮޅުވާލާފައިވާކަމަށެވެ. 

img:http://s2.psmnews.mv/images/660x400/14643420597192.jpg|ސުޕާރި ޕެކެޓްތަކެއް /

ރާއްޖެއަށް އެތެރެކުރާ ބައެއް ވައްތަރުގެ ސުޕާރީގައި ދުންފަތުގެ އަސަރު ހުންނަކަމަށް އެޗް.ޕީއޭއިން ވިދާޅުވިއެވެ. އަދި މިފަދަތަކެތި ޓެސްޓް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް އެއެޖެންސީން ވިދާޅުވިއެވެ. މިފަދަ މިބާވަތްތައް އެތެރެ ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަމުންގެންދާނެކަމަށާއި، ސީރިއަސް މައްސަލައެއްގެ ގޮތުގައި މި ފަދަ މައްސަލަތައް ބައްލަވަމުންގެންދާނެކަމަށް ހަސަން މުހައްމަދު ވިދާޅުވިއެވެ.

ރާއްޖެއަށް ދުންފަތް އެތެރެކުރުމުގައި ހުންނަންޖެހޭ މިންގަނޑުތަކާއި އެފަދަތަކެތި ފިހާރަތަކުގައި ބަހައްޓާނެގޮތައް ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް މިފަދަކަންތައްތަކަށް ވިޔަފާރި ކުރާ ފަރާތްތަކުން ސަމާލުނުވާކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއެވެ.  

ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ކުރާ މައިގަނޑު އެއްމަސައްކަތަކީ މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތެވެ. އެގޮތުން ދުންފަތުން ލިބޭ ގެއްލުންތަކުން މީހުން ދުރުވާނެ ގޮތްތައް ކިޔާދިނުމަށާއި، ދުންފަތުގެ އިސްތިއުމާލު ކުރުމުން ސަލާމާތްކުރުމަށްޓަކައި ކައުންސިލިން ދިނުމުގެ މަސައްކަތް ވެސް އެޖެންސީން ދަނީ ކުރައްވަމުންނެވެ.