ސިއްހަތު

ރާއްޖޭގެ ހުރިހާ ރީޓެއިލް ފިހާރަތައް ޗެކްކުރަން ނިންމައިފި


މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ރާއްޖޭގެ ކާބޯތަކެތި ވިއްކާ ތަންތަނުގެ ޢާންމު ސާފުތާހިރުކަން ބެލުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ފަހަރަށް ރީޓެލް މުދާ ވިއްކާ ފިހާރަތައް ބަލާ ފާސްކުރަން ފަށައިފިއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރީޓެއިލް ފިހާރަތައް ބެލުމަށް އެ އޮތޯރިޓީން ވަނީ ނިންމާފައެވެ.

ރާއްޖެއަށް އެތެރެކުރުން މަނާތަކެތި އެތެރެކޮށް ވިއްކަން ހުންނަކަމަށް ފާހަގަކުރެވިއްޖެނަމަ، އެތަކެތި ހިފަހައްޓާ، އަދި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގެ ޢާންމު ސާފްތާހިރުކަން ބަލާ، އެމިންގަނޑާ ޚިލާފްވެއްޖެވަނަ މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީން އަންނަނީ ފިޔަވަޅު އާޅާ އެތަންތަން ބަންދުކުރަމުންނެވެ. 

އެއޮތޯރިޓީގެ ސީނިއަރ ސައިންޓިފިކް އޮފިސަރ ސާޖިދާ މުޙައްމަދު ވިދާޅުވީ، ރީޓެއިލް ފިހާރަތައް މިހާތަނަށް އެއްވެސް ވަރަކަށް ބަލާ ފާސްކޮށްފައި ނުވާކަމަށެވެ. ސާޖިދާ ވިދާޅުވީ ރޯދަ މަސް ފެށުމުގެ ކުރިން މާލެ ސަރަހައްދުގެ ހުރިހާ ރީޓެއިލް ފިހާރަތަކުގެ ޢާންމު ހާލަތު ބަލާ ނިންމާނެކަމަށެވެ. އެގޮތުން ކާބޯތަކެތި ވިއްކާ ތަންތަނުގެ ޢާންމު ހާލަތަކީ ކޮބައިތޯ ބަލާ، އެތަންތަނުގައި ހުރި މައްސަލަތައް ފާހަގަކޮށް ވިއްކަން ހުންނަނީ އެންމެ ރައްކާތެރި އެއްޗެއްތޯ ބަލަމުން އަންނަކަމަށް ސާޖިދާ ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14635769865834.jpg|އެސްޓީއޯ ސުޕަރމާރޓް /

އެފަރާތުން ބެލި ބެލުމުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ، ހަލާކުވެފައި ހުންނަ ތަކެތި ވިއްކަން ހުރުމާއި، މުއްދަތު ހަމަވެފައިވާ ބައެއް ތަކެތި ވިއްކަން ހުރުންކަމަށެވެ. ޚާއްސަކޮށް ތެލުލި ފަތާއި މަސްމިރުސް ފަދަ ތަކެތިން މިފަދަ މައްސަލަ ފެންނަކަން ފާހަގަކުރެއްވިއެވެ. ސާޖިދާ ވިދާޅުވީ، ބައެއް ދިވެހި އުފެއްދުންތަކުގައި މުއްދަތު ހަމަވާ ތާރީޚަށް އެފަރާތަކުން ބޭނުންވި ތާރީޚެއް ޖަހަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސައިންޓިފިކް އޮފިސަރ ޢާސިފާ ލުޠުފީ ވިދާޅުވީ، ކުރިއާ އަޅާބަލާއިރު ކާބޯތަކެތި ވިއްކާ ތަންތަނުގެ ސާފުރާހިރުކަމާ ގުޅޭ ގޮތުން ލިބޭ ޝަކުވާ އިތުވެފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 100 އަށް ވުރެ ގިނަ މައްސަލައް ރިޕޯޓް ކުރެވިފައިވާކަމަށެވެ. މިއީ ރައްޔިތުން ކުރިއަށްވުރެ ބޮޑަށް ހޭލުންތެރިވެފައިވުންކަން ފުޑް އެންޑް ޑްރަގް އޮތޯރިޓިން ފާހަގަކުރައްވައެވެ.

މާލެ ސަރަޙައްދުގެ ކާބޯތަކެތި ވިއްކާ ތަންތަން ބެލުމަށްފަހު ވަރަށް އަވަހަށް އަތޮޅުތަކުގެ ކާބޯތަކެތި ވިއްކާ ތަންތަނާއި، ފިހާރަތައް ޢާންމު ސާފްތާހިރުކަމުގެ މިންގަނޑާ ޚިލާފްވެފައިތޯ ބަލަން ފަށާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކުރެއެވެ.