ޓެނިސް ކުޅުންތެރިންގެ ޑޯޕިން ޓެސްޓްތައް ހެދުމުގައި ހަމަހަމަ އުސޫލެއް ގެންގުޅުމަށް ކުރިން ދުނިޔޭގެ އެއްވަނަ ޓެނިސް ކުލުންތެރިޔާ ނޯވަކް ޖޯކޮވިޗް ގޮވާލައިފި އެވެ.
ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ކުރިން ނިއު ޔޯކުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޖޯކޮވިޗް މިހެން ބުނެފައިވަނީ އިޓަލީގެ ސިނާ މަނާ ބޭހަށް ޕޮޒިޓިވްވި ނަމަވެސް އޭނާއަށް ކުޅުމުގެ ފުރުސަތު ލިބި އަދި އެ މައްސަލައިން އޭނާ ސަލާމަތްވެފައިވަނިކޮށެވެ.
ޖޯކޮވިޗް ބުނެފައިވަނީ މީގެ ފަސް މަސް ކުރިން ހެދި ދެ ޓެސްޓުންވެސް ސިނާ ޕޮޒިޓިވް ވެފައިވާއިރު، އޭނާއަށް ކުޅުމުގެ ފުރުސަތު ދީފައިވާ ކަމަށާއި އެކަމާއިމެދު ކުޅުންތެރިން ކަންބޮޑުވާ ކަމަށެވެ. އަދި ޑޯޕިންގ ޓެސްޓްތައް ހެދުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެންޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ސަރބިޔާއަށް އުފަން އުމުރުން 37 އަހަރުގެ ޖޯކޮވިޗް އެއްވެސް ކުޅުންތެރިއެއްގެ ނަން ހާމަނުކޮށް ބުނެފައިވަނީ މިފަދަ މައްސަލަތައް މީގެ ކުރިން އެހެން ކުޅުންތެރިންނަށް ކުރިމަތިވެފައިވާ ކަމަށާއި ނަމަވެސް ކަންތައްތައް ވެގެންދިޔައީ މިފަހަރު މި ދިމާވި ގޮތަށް ނޫން ކަމަށެވެ.
މިދިޔަ މާޗް މަހު ހެދި ދެ ޓެސްޓުންވެސް ސިނާ ޕޮޒިޓިވްވި ނަމަވެސް އޭނާއަށް ދީފައިވާ ޕްރޮވިޝަނަލް ސަސްޕެންޝަނާއިއެކުވެސް ސިނާ ވަނީ މުބާރާތްތަކުގައި ވާދަކޮށްފަ އެވެ.
ނިމިގެންދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ ސިނާ އަކީ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ބައިގައި އެއްވަނައަށް ސީޑް ކޮށްފައިވާ ކުޅުންތެރިޔާ އެވެ.