ކުޅިވަރު

ފްލަމެންގޯގެ ކޯޗު ޓީޓޭގެ ހާލު މިހާރު ރަނގަޅު ކަމަށް އެ ކުލަބުން ބުނެފި


ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމަށް މީގެ ކުރިން އިރުޝާދުދީފައިވާ، މިހާރު ފްލަމެންގޯގެ ހެޑް ކޯޗު ޓީޓޭއަށް ކުރިމަތިވި ހިތުގެ މައްސަލައަކާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ކުލަބުން ބުނެފިއެވެ.

"ކޯޗު ޓީޓޭއަށް ދެވުނު ފަރުވާއާއެކު ކްލިނިކަލީ ރަނގަޅު ކުރިއެރުމެއް އައިސްފައިވޭ. ހިތުގެ ވިންދު ޖެހުމުގައި ކުރިމަތިވީ އުނދަގުލުން މިހާރު ރަނގަޅުވެއްޖެ،" ފްލަމެންގޯ އިން ބުނެފައިވެއެވެ.

2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ބްރެޒިލަށް ކާމިޔާބުކޮށްދިން، ޓީޓޭގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ވެސް އެ ކްލަބުން ނެރުނު ބަޔާނުގައިވެއެވެ.

އެއަށްފަހު، ދެ ދުވަހު އަރާމުކުރުމަށް ޑޮކްޓަރުން ލަފާ ދީފައިވުމާއެކު، އާދީއްތަ ދުވަހު އެ ޓީމު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައިވެރިނުވާނެ ކަމަށް ވެސް ފްލަމެންގޯ އިން ނެރުނު ބަޔާނުގައިވެއެވެ.

އެހެންކަމުން، ފްލަމެންގޯ އަށް ދެން އޮތް ބްރަގަންޓީނޯއާ ކުޅޭ މެޗުގައި އިރުޝާދުދިނުމަށް ހަމަޖެހިފައިވަނީ، އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޓީޓޭގެ ދަރިފުޅު، މަތެއުސް ބަޗީ ކަމަށް އެ ކްލަބުން އިތުރަށް ބުނެފައިވެއެވެ.

ފްލަމެންގޯ މިވަގުތު އޮތީ ބްރެޒިލް ލީގުގެ އެންމެ ކުރީގައި އުޅޭ ބޮޓަފޯގޯ އަށް ވުރެ ފަސް ޕޮއިންޓް ފަހަތުން، ހަތަރުވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 41 ޕޮއިންޓެވެ.