"މެސީނިއޯ" ގެ ނަމުން މަޝްހޫރުވެފައިވާ، އުމުރުން 17 އަހަރުގެ ފޯވާޑް އެސްޓެވާއޯ ވިލިއަން އަށް އަންނަ މަހު ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް، ބްރެޒިލްގެ ކޯޗު ޑޮރިވާލް ޖޫނިއާ ނެގި ގައުމީ ޓީމުގެ ސްކޮޑުން ފުރަތަމަ ފަހަރަށް ޖާގަ ލިބުނުއިރު، އަނިޔާގައި ހުރި ނޭމާ ސްކޮޑުގައި ނުހިމަނަން ނިންމައިފިއެވެ.
އަންނަ އަހަރު ޗެލްސީއާ ގުޅުމަށް ހަމަޖެހިފައިވާ އެސްޓެވާއޯ އާއި ކުރީން އޭނާ އާއެކު ޕަލްމެއިރާސް އަށް ކުޅުމަށްފަހު މިހާރު ރެއާލް މެޑްރިޑަށް ކުޅެމުންއަންނަ އެންޑްރިކްގެ އިތުރުން ވިނީޝިއުސް ޖޫނިއާ އަކީ މި ފަހަރުގެ ބްރެޒިލްގެ ސްކޮޑުގެ ފޯވާޑްލައިންގައި ހިމެނޭ ކުޅުންތެރިންނެވެ.
ބްރެޒިލްގެ ކޯޗު، ޑޮރިވާލް ބުނީ، އޭނާގެ ކޯޗިންގ ކެރިއަރުގައި މިހާތަނަށް އައިއިރު އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދެމުން އައިސްފައިވާނީ ޒުވާން ކުޅުންތެރިންނަށް ކަމަށާއި، އެގޮތުން އެސްޓެވާއޯ އަކީ މިވަގުތު އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެއްކުޅުންތެރިޔާ ކަމަށެވެ.
އެ ކުޅުންތެރިންނާ މެދު ކެތްތެރިވެ، ވަގުތުދިނުމަށްފަހު ޔަގީންކަން ދޭން ޖެހޭނެ ކަމަށް ވެސް ޑޮރިވާލް ބުންޏެވެ. އެބީދައިން އެންޑްރިކްއާ މެދު އަމަލުތައް ބެހެއްޓުމަށް ވެސް ޑޮރިވާލް ވަނީ ގޮވާލާއިފައެވެ.
ބްރެޒިލްގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާ ކަމަށްވާ، ނޭމާ އަށް ކުރިމަތިވީ އޭސީއެލް އިންޖަރީ އިން އަދިވެސް އެއްކޮށް ރަނގަޅުނުވާތީ މިފަހަރުގެ ޓީމުގައި ނުހިމެނުނެއިރު، އެ އަނިޔާ އަށް ފަރުވާ ހޯދުމުގެ ގޮތުން ކުރި އޮޕަރޭޝަނަށްފަހު އެންމެ ފަހުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވެސް އޭނާ އަށް ނުކުޅެވުނެވެ.
"އިތުރު ބަހެއް ބުނާކަށް ނުޖެހޭ. އޭނާ (ނޭމާ) ގެ މުހިންމުކަން އެންމެންނަށް އެނގޭނެ. އެކަމަކު، ހުރިހާ ކަމެއްވެސް ވާންޖެހޭނީ އެންމެ ރަނގަޅު ދަނޑިވަޅުގައި އެ ތަނެއްގައި."
"އޭނާ ރަނގަޅުވުމާއެކު އަލުން ޓީމަށް އެނބުރި އަންނާނެ ކަމާމެދު އަހަރެންގެ އެއްވެސް ޝައްކެއް ނެތް." ޑޯރިވަލް އިތުރަށް ބުންޏެވެ.
މިވަގުތު ދެކުނު އެމެރިކާ ކޮލިފައިންގެ ހަވަނައިގައި ހަތް ޕޮއިންޓާއެކު އޮތް ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ ހަތްވަނަ ދުވަހު އެކުއޭޑޯއާ ދެކޮޅަށް ނިކުންނައިރު އޭގެ ހަތަރު ދުވަސް ފަހުން އަސުންސިއޯންގައި ބައްދަލުކުރާނީ ޕެރަގުއޭއާ އެވެ.
މިދިޔަ ޖަނަވަރީ މަހު މަގާމާ ހަވާލުވި، ޑޮރިވާލް، 62، ވަނީ ބާސެލޯނާގެ ވިންގް، ރަފީނިއާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންސިވް މިޑްފީލްޑަރު، ކަސެމީރޯ މި ފަހަރުގެ ސްކޮޑުން ބާކީ ކޮށްފައެވެ.