ފްރާންސްގެ ވިންގް، ބްރެޑްލީ ބާކޯލާ ކާމިޔާބުކުރި ދެލަނޑާއެކު އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮންޓްޕެލިއާ ބަލކޮށް، މި ފަހަރުގެ ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފިއެވެ.
ޕީއެސްޖީން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ ޕޯޗުގީޒް ފޯވާޑް، ގޮންކާލޯ ރާމޯސް ނުކުޅެއެވެ. އެހެންކަމުން، ރޭގެ މެޗު އެ ޓީމުން ފެށީ ފޯވާޑެއްނުލައި، އެންމެ ކުރިއަށް މާކޯ އަސެންސިއޯ ލައިގެންނެވެ.
ޕާކް ޑެސް ޕްރިންސެސްގައި ރޭ ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ޕީއެސްޖީން ލީޑްނެގީ ބާކޯލާ ކާމިޔާބުކުރި ސޯލޯ ގޯލަކުންނެވެ. އޭގެފަހުން، މެޗުގެ 24 ވަނަ މިނެޓުގައި ރީތި ކުޅުމަކަށްފަހު އަސެންސިއޯ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު، 53 ވަނަ މިނެޓުގައި ބާކޯލާގެ ދެވަނަ ލަނޑުޖަހައިދިނީ އެ ޓީމުގެ އޮސްމާނޭ ޑެމްބެލޭ ދިން ޕާހަކުންނެވެ. އަދި އޭގެ ފަސް މިނެޓުފަހުން، ޕޯޗުގީޒް ފުލްބެކް، ނޫނޯ މެންޑޭސް ނަގައިދިން ހުރަހަކުން އަޝްރަފް ހަކީމީ ވަނީ ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
އޭގެ ދެ މިނެޓުފަހުން، ޕީއެސްޖީގެ ފަސްވަނަ ލަނޑުޖަހައިދިނީ ވަރެން ޒަޔަރް-އެމެރީ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ޑެމްބެލޭ އެވެ.
މި މެޗުގައި ޕީއެސްޖީން ޖެހި ހަވަނަ ލަނޑު، 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ކުޅެން ނިކުތް ދެކުނު ކޮރެއާގެ ލީ ކަންގް-އިން އެވެ. އޭނާ މި ލަނޑުޖެހީ ޕެނަލްޓީއޭރިޔާ ރޮނގުމަތީން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗަށްފަހު ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ބުނީ، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރަނގަޅު ކުޅުމެއް ދެއްކުމުން މެޗާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ހުރިހާ ގޮތަކުން ވެސް އެންމެ ފުރިހަމަ މެޗަކަށް، އެ މެޗު ވެގެންދިޔަ ކަމަށް ވެސް އެންރީކޭ ފާހަގަކުރިއެވެ.
އަދި، އޭނާގެ ޓީމުން ރޭގެ މެޗުގައި ހަ ލަނޑުޖެހިނަމަވެސް، އެއީ ގާތްގަނޑަކަށް 10 ވަރަކަށް ގޯލްޖެހޭ ކަހަލަ މެޗެއް ކަމަށް ވެސް އެންރީކޭ ބުންޏެވެ. އެ މެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާ ކަމަށް ވެސް އެންރީކޭ ވަނީ ބުނެފައެވެ.
ލީގުގައި ޕީއެސްޖީ އަށް ދެން އޮތް މެޗުގައި އަންނަ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު ރަށުން ބޭރުގައި ނިކުންނާނީ ލިއްލެއާ ދެކޮޅަށެވެ.