ޚަބަރު

ސިޓީގެ މައްސަލަ އަވަހަށް ބަލާތީ އެކަމާ އުފާވާ ކަމަށް ގަޑިއޯލާ ބުނެފި


މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ޕްރިމިއާ ލީގުން ބަލަމުންދާ މައްސަލައިގެ އަޑުއެހުންތަކެއް އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާތީ އެކަމާ އުފާ ކުރާކަމަށް ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފި އެވެ.

2009 ވަނަ އަރުން ފެށިގެން ސިޓީން ޕްރިމިއާ ލީގުގެ ފައިނޭންޝަލް ފެއަރ ޕްލޭ އާއި ޚިލާފު ވެފައިވާކަމަށް ބުނެ ބަލަމުންދާ މައްސަލައިގައި ސިޓީ އާއި ދެކޮޅަށް 115 މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ޕްރިމިއާ ލީގުން މި މައްސަލަ މީގެ 18 މަސް ދުވަސް ކުރިން ބަލަން ފަށާފައިވާއިރު، ސިޓީގެ މި މައްސަލަ ބެލުމަށް މިހާރު ވަނީ މިނިވަން ކޮމިޝަނެއް އުފައްދާފައެވެ. އަދި އަޑުއެހުންތައް އަންނަ ސެޕްޓެމްބަރ މަހުގެ ކުރީކޮޅު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގަޑިއޯލާ ބުނެފައިވަނީ މި ކަމުގެ ސަބަބުން އެ ޓީމުގެ ކުޅުމަށް އަސަރު ނުކުރާނެ ކަމަށާއި މި މައްސަލަ ބަލަމުންދާތާ 18 މަސް ވެފައިވާ ކަމަށެވެ. އަދި މިމައްސަލަ އަވަހަށް ނިމިގެން ދިއުމަކީ ހުރިހާ ފަރާތްތަކުންވެސް ބޭނުންވާ ކަމެއް ކަމަށާއި އެ ކްލަބުގައި ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

ސިޓީން ވަނީ ކްލަބްތަކަށް ސްޕޮންސަރޝިޕް ހޯދުމުގައި ހަމަހަމަ އުސޫލުތަކެއް ޕްރިމިއާ ލީގުން ނުގެންގުޅޭ ކަމަށްބުނެ ޕްރިމިއާ ލީގާއި ދެކޮޅަށް މައްސަލައެއް ހުށައަޅާފައެވެ. އަދި މިމައްސަލައިގެ އަޑުއެހުންތައްވެސް އަންނަ މަހު ފެށުމަށް ހަމަޖެހިފަިއވާކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފައެވެ.