ޗެލްސީގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަން ބޭނުންވާނަމަ ޕްރެކްޓިސް ތަކުގައި ކުޅުންތެރިން ރަގަޅަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.
ޕްރިމިއާ ލީގުގައި މާދަމާ ވޮލްވަހެމްޓަން އާއި ދެކޮޅަށް ކުޅޭ މެޗުގައި ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މަރެސްކާ ބުނެފައިވަނީ ޗެލްސީގެ ކޮންމެ ކުޅުންތެރިއަކަށްވެސް ފުރަތަމަ ޓީމުން ފުރުސަތު ލިބޭނީ މަސައްކަތް ކޮށްގެން ކަމަށާއި އަދި އެ ކުޅުންތެރިންގެ %100 ޓީމަށް ދޭން ޖެހޭނެ ކަމަށެވެ. އެހެންނޫން ކަމަށްވާނަމަ އެ ކުޅުންތެރިއަކަށް ޗެލްސީގެ ޓީމުން ފުރުސަތު ނުލިބޭނެ ކަމަށެވެ.
މީގެ އިތުރުން މަރެސްކާ ބުނެފައިވަނީ ޓްރާންސްފާ ބަންދުވުމުގެ ކުރިން ޗެލްސީގައި މިވަގުތު އޮތް ބޮޑު ސްކޮޑު ކުޑަ ކުރަން ޖެހޭ ކަމަށާއި 40 ވަރަކަށް ކުޅުންތެރިން ގޮވައިގެން ޕްރެކްޓިސް ކުރިއަށް ގެންދިއުމަކީ އެއްވެސް ކޯޗަކަށް ވާނެ ކަމެއް ނޫން ކަމަށެވެ.
މިސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޗެލްސީން ވަނީ 11 ކުޅުންތެރިން ގެނެސްފައެވެ. އެގޮތުން އެންމެ ފަހުން އެ ޓީމާއި ގުޅިފައިވަނީ ޕޯޗުގަލްގެ ޖޮއާއޯ ފެލިކްސް އެވެ.