ޚަބަރު

ޓީ20 ވޯލްޑް ކަޕް އޭޝިއާ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު ފުރައިފި


އައިސީސީ މެންސް ޓީ20 ވޯލްޑް ކަޕް އޭޝިއާ ކޮލިފައިން އޭގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު މެލޭޝިއާއަށް ފުރައިފިއެވެ.

ރައުންޑް ރޮބިން އުސޫލުން އޭޝިއާގެ ހަ ގައުމަކާއެކު ކުރިއަށްދާ މި މުބާރާތް ފަށާނީ މި މަހުގެ 30 ވަނަ ދުވަހުގައެވެ. އޭގެކުރިން މެލޭޝިއާގައި ތަމްރީނު މެޗުތަކެއް ގައުމީ ޓީމުން ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތަކަކީ މުބާރާތުގެ ކުރިން ޓީމަށް ތަޖުރިބާތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ކުޅޭ މެޗުތަކެކެވެ.

ޓީމު ފުރާފައިވަނީ ހުކުރު ދުވަހުގެ ހަވީރުއެވެ.

ރާއްޖެއާއެކު މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ސިންގަޕޫރާއި ކުވޭތުގެ އިތުރުން ހޮންގް ކޮންގް، މިޔަންމާ، މޮންގޯލިއާ އަދި މުބާރާތް ބާއްވާ މެލޭޝިއާ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮގަސްޓު 30 ވަނަ ދުވަހު ބައްދަލުކުރާނީ މުބާރާތް ބާއްވާ މެލޭޝިއާ އާއެވެ. ދެވަނަ މެޗުގައި އޮގަސްޓު 31 ވަނަ ދުވަހު ސިންގަޕޫރާ ބައްދަލުކުރާއިރު، ތިންވަނަ މެޗުގައި ސެޕްޓެމްބަރު 2 ގައި ބައްދަލުކުރާނީ ކުވޭތާއެވެ.

ހަތަރުވަނަ މެޗުގައި ސެޕްޓެމްބަރު 3 ވަނަ ދުވަހު ހޮންގް ކޮންގް އާއި ބައްދަލުކުރާއިރު 5 ސެޕްޓެމްބަރުގައި ބައްދަލުކުރާނީ މިޔަންމާ އާއެވެ. އަދި މި ބުރުގެ ފަހު މެޗުގައި މޮންގޯލިއާ އާއި ދެކޮޅަށް ކުޅޭނީ 6 ސެޕްޓެމްބަރުގައެވެ.

ކޮލިފައިންގައި ވާދަކުރާ ގައުމީ ޓީމުގެ ކެޕްޓަނަކީ ޔޫސުފް އަޒްޔާނެވެ. ވައިސް ކެޕްޓަނަކީ އާދަމް ނާސިފް އުމަރެވެ. ޖުމްލަ 14 ކުޅުންތެރިންގެ ސްކޮޑެއް މި ކޮލިފައިންއަށް ފުރިއިރު، ޓީމުގެ ކޯޗަކީ ލަންކާގެ ޕަސިންދު ލިޔަނާރަޗި އެވެ. މެނޭޖަރަކީ އަލީ މުޙައްމަދު މަނިކެވެ.