ޚަބަރު

ޢިންޑިޔާގައި ފެންބޮޑުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ


އިންޑިޔާގެ އިރުއުތުރު ތްރިޕޫރާ ސްޓޭޓްގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި, ބިންގަނޑު ކެނޑި ކިސަޑު ފޭބުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު 23އަށް އުފުލިއްޖެއެވެ. ފެންބޮޑުވުމާ ގުޅިގެން އެތަކެއް ހާސް ބަޔަކު ހާލުގައި ޖެހި, ގެދޮރުގައި ތާށިވެފައިވުމުން, ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާތަކުން ދަނީ އެ މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަމުންނެވެ. އެ ކަމުގައި ލައިފްބޯޓު ފަދަ ވަސީލަތްތައް ބޭނުން ކޮށްގެން އަސްކަރިއްޔާގެ ސިފައިން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކާރިސާތަކާ ބެހޭ އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ބުނީ ފެންބޮޑުވުމާ ގުޅިގެން 65,000 މީހުންގެ ގެދޮރަށް ގެއްލުން ލިބިފައިވާ ކަމަށާއި, އެ މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުުންދާ ކަމުގައެވެ. ތްރިޕޫރާގައި ފެންބޮޑުވެފައި ވަނީ ފާއިތުވި ހަތަރު ދުވަހު މެދުކެނޑުމެއް ނެތި ވާރޭވެހި, ކޯރުތައް ފުރިގެން ބަންޑުންވުމާ ގުޅިގެންނެވެ.

"މިހާރު ކޯރުތަކުގެ ފެންގަނޑު ވަނީ ހިނދެން ފަށާފައި. ނަމަވެސް, ގުމްތީ ކޯރު ފުރިގެން ބަންޑުންވުމާ އެކު ޢާންމުން ދިރިއުޅޭ ގިނަ ސަރަޙައްދުތަކެއްގައި ފެންބޮޑުވި،" އެންޑީއެމްއޭގެ މެންބަރެއް ކަމުގައިވާ ސުމަން ދޭބް ވިދާޅުވިއެވެ. ތްރިޕޫރާގެ ތެރެއިން ދެމޭ އެންމެ ބޮޑު ކޯރު ކަމުގައިވާ ގުމްތީ ކޯރު ބަންގްލަދޭޝަށް ދެމިގެން ދެއެވެ.

ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންގެ ޢަދަދު 1.7 މިލިޔަނަށް އަރާ ކަމުގައި އެންޑީއެމްއޭން ހާމަ ކުރިއެވެ. އޭގެ ތެރެއިން ގެދޮރު ގެއްލިފައިވާ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭން އޮފިޝަލުން ވަނީ 450 ސަރަޙައްދެއްގައި ފޭލިގެތައް ޖަހާފައެވެ. ފެންބޮޑުވުމާ ގުޅިގެން ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި, ގިނަ ޢަދަދެއްގެ ނައަމްސޫފި ވަނީ މަރުވެފައެވެ. އަދި, ދަނޑުބިންތައް ވެސް ވަނީ ހަލާކުވެފައެވެ.

ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވި ހާދިސާތަކުގައި 23 މީހުން މަރުވެފައިވާއިރު އެންޑީއެމްއޭން ބުނީ އެންމެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ބިންގަނޑު ކެނޑި ކިސަޑު ފޭބުމުގެ އިތުރުން ގެނބިގެން ކަމުގައެވެ. ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތުގައި 80އަށްވުރެ ގިނަ ސިފައިން ބައިވެރިވަމުންދާ ކަމުގައި ވެސް އޮފިޝަލުން ބުންޏެވެ.

ގުމްތީ ކޯރު ފުރިގެން ބަންޑުންވުމާ ގުޅިގެން ބަންގްލަދޭޝްގެ ކުމިއްލާގެ 15 އަވަށެއްގައި ފެންބޮޑުވެ, ގިނަ ޢަދަދެއްގެ ޢާއިލާތަކެއް ވަނީ ގެދޮރު ނެތިފައެވެ. ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުގައި 3 މިލިޔަނަށްވުރެ ގިނަ މީހުން ގެދޮރުގައި ތާށިވެފައިވާއިރު, އެ ޤައުމުން ވެސް ވަނީ 13 މީހުން މަރުވެފައެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ, ގެދޮރުގައި ތާށިވެފައިވާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން އެ ޤައުމުގެ އިދާރާތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ބަންގްލަދޭޝްގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުން ތުހުމަތު ކުރާ ގޮތުގައި އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެފައި ވަނީ ގުމްތީ ކޯރުގައި ބިނާ ކޮށްފައިވާ ދަމްބޫރު ޑޭމްގެ ދޮރުތައް އިންޑިޔާއިން ހުޅުވައިލައި, ބޮޑުވެފައިވާ ފެންގަނޑު ދޫކޮށްލުމުންނެވެ. މި ކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ވެރިރަށް ދާކާގައި ދަރިވަރުން މުޒާހަރާ ވެެސް ކުރިއެވެ. ނަމަވެސް, އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި އެ ތުހުމަތުތައް ވަނީ ދޮގު ކޮށްފައެވެ.

ބަންގްލަދޭޝްގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ ހާލުގައި ޖެހިފައިވާ 75,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމުގައެވެ. އަދި, އެ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭން 1,500 ވަގުތީ ހިޔާ ބިނާ ކޮށްފައިވާ ކަމުގައެވެ. ކުމިއްލާގެ އިތުރުުން ބަންގްލަދޭޝްގެ ފޭނީ, މޯލޯބީބާޖާރު, ހޯބީގޮންޖް އަދި ޗޮއްޓޮގްރާމްގެ ބޮޑު ސަރަޙައްދެއްގައި ވެސް ވަނީ ފެންބޮޑުވެފައެވެ.