ޚަބަރު

ވަގުންތަކެއް ދިން ޙަމަލާއެއްގައި ޕާކިސްތާނުގެ ފުލުހުންގެ ބަޔަކު މަރައިލައިފި


ނުރައްކާތެރި ވަގުންގެ ބަޔަކު ދިން ޙަމަލާއެއްގައި ޕާކިސްތާނުގެ ފުލުހުންގެ 11 މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ދާޚީލީ ވުޒާރާއިން ބުނީ ބޮމާއި ބަޑިން ދިން ޙަމަލާގައި ފުލުހުންގެ އިތުރު ނުވަ މީހުން ޒަޚަމުވި ކަމަށާއި އެ ޙަމަލާ ދީފައި ވަނީ އެ ޤައުމުގެ ދެކުނުގައި އޮންނަ ރަޙީމް ޔާރް ޚާން ޑިސްޓްރިކްޓުގައި ކަމަށެވެ. އެ ޙަމަލާ ދީފައި ވަނީ އަމަން ބަލަހައްޓަން ދުއްވަމުން ދިޔަ ފުލުހުންގެ ދެ އުޅަނދަކަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވަނީ އެ ޙަމަލާ ދިން މުޖުރިމުން ހައްޔަރުކޮށް ހަރުކަށި އަދަބު ދިނުމަށް އެ ޤައުމުގެ ފުލުހުންނަށް ޢަމުރު ކުރައްވައިފައެވެ. ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ޙަމަލާ ދިން ސަރަޙައްދަކީ އެ ޤައުމުގެ ފުލުހުންގެ ބާރު ހިނގާ ސަރަޙައްދެއް ނޫނެވެ. އެ ސަރަޙައްދުގައި ހިނގަނީ ވަގުންނާއި ނުރައްކާތެރި މުޖުރިމުންގެ ބާރެވެ. އަދި އެއީ އެ ޤައުމުގެ ޢާންމުން ގޮސްއުޅޭ ސަރަޙައްދެއް ވެސް ނޫނެވެ.