ޚަބަރު

މައިކްރޮސްކޯޕިކް ނިއުރޯސަރޖަރީގެ ޚިދުމަތް އޭޑީކޭގައިދޭން ފަށައިފި


މައިކްރޮސްކޯޕިކް ނިއުރޯސަރޖަރީގެ ޚިދުމަތް އޭޑީކޭގައިދޭން ފަށައިފިއެވެ.

މިއީ، އޭޑީކޭއިން ދޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމުގެ ގޮތުން އަލަށް ތަޢާރަފްކުރި ޚިދުމަތެކެވެ. މައިކްރޮސްކޯޕް ބޭނުންކޮށްގެން ހަދާ ނާރުގެ ކުދިކުދި އޮޕަރޭޝަން ކުރުމުގެ މި ޚިދުމަތް ތަޢާރަފް ކުރުމަށްޓަކައި އެ ހޮސްޕިޓަލުންވަނީ ޚާއްޞަ މެޝިނަރީ ރާއްޖެ ގެނެސްފައެވެ.

img:http://s4.psmnews.mv/images/660x400/14642793755517.jpg|އަލަށް ގެނައި މައިކްރޮސްކޯޕިކް ނިއުރޯސަރޖަރީ ހަދާ މެޝިން ނޫސްވެރިންނަށް ދައްކާލަނީ- ފޮޓޯ: ޕީއެސްއެމް

މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އަފްޢާލް ވިދާޅުވީ، މި މެޝިންގެ ސަބަބުން އޮޕަރޭޝަން ކުރާ ގުނަވަނުގެ އެތެރޭގައި ހުންނަ ހަމަ ލޮލަށް ސާފުކޮށް ނުފެންނަ ނާރުތަކާއި އެހެނިހެންވެސް ތަންތަން ސާފުކޮށް ފެންނާނެކަމަށެވެ. އެގޮތުން މި ޚިދުމަތާއިއެކު އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަން އަފްޢާލް ފާހަގަކުރެއްވިއެވެ.

އޭޑީކޭ އިން މައިކްރޮސްކޯޕިކް ނިއުރޯސަރޖަރީގެ ޚިދުމަތް މައިގަނޑު ގޮތެއްގައި ދެނީ ސިކުނޑި އަދި މައިބަނދައިގެ އޮޕަރޭޝަންތަކަށެވެ. ނަމަވެސް ލޮލުގެ ނާރުގެ ސަރޖަރީފަދަ ނާރާއި ގުޅޭ އިތުރު ސަރޖަރީތައްވެސް މިހާރު އެ ހޮސްޕިޓަލުން ކުރެވޭނެކަމަށް އެ ފަރާތުން މަޢުލުމާތުދެއެވެ.