ޚަބަރު

އޭއެފްސީ ޗެލެންޖާސް ލީގު: މާޒިޔާއާ އެއް ގްރޫޕަކަށް އަކްރަޑަގް، އަލް އަރަބީ އަދި އަބްދީޝް


އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އެއް ގްރޫޕެއްގައި ކުވެއިތުގެ އަލް އަރަބީ ސްޕޯޓްސް ކްލަބް، ތުރުކުމެނިސްތާންގެ އެފްސީ އަކްރަޑަގް އަދި ކިރްގިސްތާން އެފްސީ އަބްދީޝް އާޓާ ހިމެނިއްޖެއެވެ.

ޗެލެންޖް ލީގަކީ އޭއެފްސީގެ ތިން ވަނަ ފަންތީ ކްލަބް ފުޓްބޯޅަ މުބާރާތެވެ. މިއީ މި ފަަހަރު ތައާރަފްކުރި މުބާރާތެކެވެ. އޭއެފްސީން ދެން ބާއްވަނީ، އޭއެފްސީ ޗެމްޕިއަންސް ލީގު 2 އާއި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް އެވެ.

އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން މުޅިން އަލަށް ފަށާ ތިންވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވާދަކުރަން ޖެހެނީ ގްރޫޕް ސްޓޭޖުގައެވެ.

މީގެ ކުރިން ބެލެވުނީ، މާޒިޔާ އަށް ފުރުސަތު ލިބޭނީ ޗެލެންޖާސް ލީގުގެ ޕްލޭއޮފުން ކަމަށެވެ. އެކަމަކު، އޭއެފްސީން ޗެލެންޖާސް ލީގުގެ ފޯމެޓާއި ޕްރިލިމިނަރީ މެޗު ޝެޑިއުލް އިއުލާނުކުރިއިރު، މާޒިޔާ ވަނީ ގްރޫޕް ސްޓޭޖުގެ ފުރުސަތު ލިބޭ ޓީމުތަކުގެ ތެރޭގައި ހިމަނައިފަ އެެވެ. ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށަނީ އޮކްޓޫބަރު ފަހުކޮޅުގަ އެވެ.

ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން މިއަދު ބޭއްވިއިރު، މާޒިޔާ ހިމެނޭ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ކުވެއިތުގަ އެވެ. މާޒިޔާގެ ގްރޫޕްގައި ހިމެނޭ ކުވެއިތުގެ އަލް އަރަބި އަކީ އެ ގައުމުގެ ޕްރިިމިއާ ލީގުގެ ރަނަރަޕް އެވެ. އަކްރަޑަގް އަކީ ތުރުކުމެނިސްތާންގެ ލީގާއި ކަޕް ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ޓީމެވެ. އަދި ޕްލޭއޮފް ބުރުން އައި ކިރްގިސްތާންގެ އަބްދީޝް އާޓާ އަކީ އެ ގައުމުގެ އެންމެ ފަހުން ދެ ފަހަރު ވެސް ލީގު ޗެމްޕިއަން ހޯދި ޓީމެވެ.

ޗެލެންޖް ލީގުގެ ވެސްޓް ޒޯނުގައި އޮތީ ތިން ގްރޫޕެކެވެ. ތިން ގްރޫޕުން އެއް ވަނަ އަށް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވާއިރު، ދެން ކުއާޓާ އަށް ދާނީ، ތިން ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމެވެ.

ޗެލެންޖް ލީގުގެ ގްރޫޕް އޭގައި ހިމެނެނީ، އިންޑިއާގެ އީސްޓް ބެންގާލް، ލެބަނަންގެ ނަޖްމޭ، ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަދި ބޫޓާންގެ ޕާރޯ އެފްސީ އެވެ. އެ ގްރޫޕްގެ މެޗުތައް ކުޅޭނީ ބޫޓާނުގަ އެވެ. ގްރޫޕް ސީގައި ހިމެނެނީ އޮމާންގެ އަލް ސީބް ކްލަބާއި ސީރިއާގެ އަލް ފަތުވާ، ބަހުރޭނުގެ އަލް އަހްލީ އަދި ފަލަސްތީނުގެ ހިލާލް އަލް ގުދުސް އެވެ. މި ގްރޫޕްގެ މެޗުތައް ކުޅޭނީ އޮމާނުގައެވެ.