އިނގިރޭސި ދެވަނަ ޑިވިޝަނުގެ ބާންލީ އަށް ކުޅެމުންއައި ނޯވޭގެ މިޑްފީލްޑަރު، ސެންޑަ ބާގް ފުލަމް އަށް ސޮއިކޮށްފިއެވެ.
ބާގް، 26، ފުލަމް އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މީޑިއާ ހަބަރުތައް ބުނާގޮތުން، ފުލަމް އިން ބާންލީ އަށް އެންމެ ފުރަތަމަ 20 މިލިއަން ޕައުންޑް (26.24 މިލިއަން އެމެރިކާ ޑޮލަރު) ދޭން އެއްބަސްވެ، ބޯނަހުގެ ގޮތުގައި އިތުރު ފައިސާ ދޭނެއެވެ.
ފުލަމް އަށް ސޮއިކުރުމަށްފަހު ބާގް ބުނީ، ފުލަމް އަށް ބަދަލުވެވުމުން އޭނާގެ މުސްތަގުބަލު އޮތީ އެ ކްލަބުގައި ކަމަށްވުމުން ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ. އަދި އެ ކްލަބުގެ ޑީއެންއޭ އިން ދައްކުވައިދެނީ ޑޮމިނޭޓްކުރުމާއެކު އެގްރެސިވްކޮށް ރީތި ފުޓްބޯޅައެއް ކުޅުން ކަމަށްވުމުން އެކަން އޭނާއާ ވަރަށް ގުޅޭ ކަމަށް ވެސް ބާގް ވަނީ ބުނެފައެވެ.
ފުލަމް އިން ބާގް ގެނައީ، މި ފަހަރުގެ ސީޒަން ފެށުމުގެ ކުރީން ބަޔާން މިއުނިކަށް ވިއްކާލި ޕޯޗުގީޒް މިޑްފީލްޑަރު، ޔާއޯ ޕަލީނިއާގެ ބަދަލުގައެވެ.
ބާގް، ބާންލީ އާ ގުޅުނީ 2023 ވަނަ އަހަރުގައި ޝެފީލްޑް ޔުނައިޓެޑުންނެވެ. ނިމިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ބާންލީ އަށް 37 މެޗު ކުޅެދީފައިވާއިރު، އެ ޓީމު ރެލިގޭޓްވިޔަނުދީ ސަލާމަތްކޮށްދެވޭ ގޮތެއްނުވިއެވެ.
2017 ވަނަ އަހަރުން ފެށިގެން ނޯވޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެމުންއަންނަ ބާގް ވަނީ މިހާތަނަށް 46 މެޗު ކުޅެ، އެއްލަނޑުޖަހައިދީފައެވެ.
ބާގް އަކީ މި ފަހަރުގެ ސީޒަނަށް ފުލަމް އިން ގެނައި ހަތަރުވަނަ ކުޅުންތެރިޔާ އެވެ. މީގެކުރީން، އެ ޓީމުން ވަނީ އާސެނަލުން އެމީލް ސްމިތު ރޯވް އާއި ވިޔަރެއާލުން ޖޯޖް ކުއެންކާ އަދި ހިލޭ ޓްރާންސްފާއެއްގައި ރަޔާން ސެސެނިޔޯން ގެނެސްފައެވެ.