ބިދޭސީން ގަވާއިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަން ވަގުތުން ބަންދުކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިހްސާން މިހެން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އުފައްދާފައިވާ ޓާސްކްފޯސްގައި ޞިއްޙަތާބެހޭ ވުޒާރާއާއި އިގްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާ ހިމެނުމާ ގުޅިގެން އެޓާސްކްފޯސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ، ޓާސްކް ފޯސްގައި މިދެވުޒާރާ ހިމެނުމާއެކު ޓާސްކްފޯސްގެ ރެއިޑްތަކުގައި މިދެވުޒާރާއިން ބައިވެރިވާނެ ކަމަށެވެ.
ވަޒީރު އިހްސާން ވިދާޅުވީ ޓާސްކްފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގެ ތެރޭގައި ސްޕާތަކުގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވުނު ކަމަށެވެ. އެއާއެކު އެކަމުގައި ހިމެނޭ ބިދޭސީން ހައްޔަރުކޮށް އިމިގްރޭޝަންގެ ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. ނަމަވެސް ޓާސްކް ފޯހަށް މިގެނެވުނު ބަދަލުތަކާއެކު މީގެ ފަހުން ބިދޭސީ މީހާ ހައްޔަރުކުރުމުގެ އިތުރުން މިފަދަ ތަންތަން ބަންދުކޮށް ތަނުގެ ވިޔަފާރިވެސް ބަންދުކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބިދޭސީން ނާޖާއިޒު ފައިދާ ނަގާ މާލީ މަންފާ ހޯދުމަކީ ގައުމަށް އިންތިހާއަށް ބޮޑު ގެއްލުންވާނެ ކަމަކަށްވާތީ މިފަދަ ކަންކަން ނުކުރުމަށް ވަޒީރު އިހްސާން ނަސޭހަތްތެރިވެޑައިގެންނެވިއެވެ.
"މީގެކުރިން އަޅުގަނޑުމެން މީހާ ނަގައިގެން އަންނަނީ ތަން ހުންނަނީ. ދެން އެތަން އެހެން ހުއްޓައި އެހެން މީހަކު ވަދެ ވިޔަފާރި ފައްޓާ މައުލޫމާތު އަޅުގަނޑުމެންނަށް އެބަލިބޭ. މިހާރު އަޅުގަނޑުމެން މިގެނައި ބަދަލަކީ ސިއްހީ ކަންކަމާއި ރިލޭޓޭޑް ކަމެއްވެއްޖިއްޔާމު އެޗްޕީއޭ ނުވަތަ ފުޑް އެންޑް ޑްރަގް އޮޓޯރިޓީ ގުޅޭ އެޖެންސީއަކުން އެތަނުގައި ބަންދު ނޯޓިސް ޖަހައި އެ ނޯޓިސްއަށް އަތްލުމަކީ އެހިސާބުން ޤާނޫނީ ކުށަކަށްވާނެ." ވަޒީރު ވިދާޅުވިއެވެ.
ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވީ، ޓާސްކް ފޯސްގެ ފަރާތުން އެ މިނިސްޓްރީން ސިއްހަތައް ނުރައްކާވާގޮތަށް ކާބޯތަކެތި ތައްޔާރުކޮށް އާންމުންނަށް ވިއްކާ ފަރާތްތައް ބަލާނެކަމަށެވެ. ރައްކާތެރިކާނާ އާންމުންނަށް ލިބޭނެކަން ޔަޤީންކުރުމަށް އާންމު ސިއްހަތައް ނުރައްކާވާގޮތަށް ހުންނަ ތަންތަން ބަންދުކުރާނެކަމަށް ސިއްހަތާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މައިގަނޑު މަސައްކަތަކަށް އޮންނާނީ މި ރެއިޑްތަކުގެ ތެރެއިން ޚާއްސަގޮތެއްގައި ރަޖިސްޓަރ ނުކޮށް ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ސިއްހަތާއި ގުޅުންހުރި ކަންކަން ހިންގާ ފަރާތްތައް ވެއްޖިއްޔާ އެ ކާބޯތަކެތި ވިއްކުން އެއްކަމަކަށް މަނާކުރުން. އެތަން ބަންދުކުރުން. މާދަމާއިން ފެށިގެން ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޒްވަމުންދާނެ. އެ ޤާނޫނުގެ ދަށުން އެމްއެފްޑީއޭ އަށްވެސް ހާއްސަ ބާރުތަކެއް ލިބިގެން އެބަދޭ." ވަޒީރު ހަލީލު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރެޖިސްޓްރާ އޮފް ކޮންޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، މި ރެއިޑްތަކުގައި ބަލާފާސްކުރަމުންދާއިރު ރަޖިސްޓްރީ ނުކޮށް ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ހިންގާ ތަނެއް ހުރިނަމަ އެތަނުންކުރާ ވިޔަފާރި ހުއްޓުވާ ފިޔަވަޅުއަޅާނެ ކަމަށެވެ.
"ބަލާފާސްކުރާ ތަންތަނުގެ ތެރެއިން ރަޖިސްޓްރީނުކޮށް ވިޔަފާރީގެ މުއާމަލާތް ހިންގާތަންތަނާއިމެދު ފިޔަވަޅު އެޅުން. އަދި އެތަންތަނުގައި އެކުރާ ވިޔަފާރި ހުއްޓުވުން. ޓާސްކް ފޯސްގެ މަސައްކަތުގެ ތެރެއިން ހުއްޓުވުމަށް ނިންމާ ތަންތަން އެތަންތަން އަލުން އެތަންތަނުގައި ގާނޫނުގައި ރަޖިސްޓްރީކޮށްގެން ގާނޫނާއި ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރަން ފުރުސަތު ދެވޭނީ މިނިސްޓްރީން ޚާއްސަ ހުއްދައެއް ނަގައިގެން. އެކަމާ ގުޅޭ އިޖުރާތު އަޅުގަނޑުމެން އާންމު ކޮށްފައިވާނީ." ވިސާމް ވިދާޅުވިއެވެ.
ރާއްޖެއަށް އެތެކުރާ ކާބޯތަކެއްޗާއި ރާއްޖޭން ބޭރަށް ފޮނުވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރު ރަނގަޅު ކުރުމުގެ އުޞޫލުތައް ކަނޑައަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަސްދީޤްކުރެއްވީ މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. މި ޤާނޫނަށް ހުކުރު ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެއެވެ.