އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަމުންދާ ޑޭޝް-8 މަރުކާރުގެ މަތިންދާބޯޓާއެކު އެއްވެސް ދަތިކަމެއްނެތި ޚިދުމަތް ފޯރުކޮށްދެމުންދާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވަޒީރޫ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ އެ އެއަރ އެމްބިއުލާންސްގެ ގޮތުގައި މީގެކުރިން ބޭނުންކުރި މޯލްޑިވިއަންގެ ސީ ޕްލޭން ކޮމާޝަލް ދަތުރުތަކަށް ބޭނުންކުރަން ހުއްދަ ދީފައިވަނީ ޑޭޝް-8 މަރުކާރުގެ މަތިންދާބޯޓާއެކު އެއްވެސް ދަތިކަމެއްނެތި ޚިދުމަތް ދެވޭތީކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގައި އެއަރ އެމްބިއުލާންސް ފެށީ މަރޗް މަހުގެ 1 ވަނަ ދުވަހުއެވެ. މި ޚިދުމަތުގައި މޯލްޑިވިއަންގެ ޑޭޝް-8 މަރުކާރުގެ މަތިންދާ ބޯޓެއްގެ އިތުރުން ސީޕްލޭންއެއް ކަނޑައެޅިއެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ޑޭޝް-8ގެ މަތިންދާބޯޓާއެކު އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމުން މީގެކުރިން ބޭނުންކުރަމުންދިޔަ ސީ ޕްލޭންގެ ޑިމާންޑް މުޅިން ދަށްވެފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ ޑޭޝް 8ގެ ބޯޓުން، ބޭނުންވާ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ދެވޭތީ، ބައެއް މަސްމަހު އެއަރ އެމްބިއުލާންސްގެ ސީ ޕްލޭންގައި އެންމެ ދަތުރެއްވެސް ކުރަން ނުޖެހޭކަމަށެވެ. އަދި މޯލްޑިވިއަންގެ އާއްމު ދަތުރުތަކުގައި އެ ސީ ޕްލޭން ބެނުންކުރުމަށް ހުއްދަ ދޭން ނިންމީވެސް އެއްވެސް ބޭނުމެއް ނުކޮށް އެ އެއަރކްރާފްޓް ބާއްވަންޖެހޭތީ، އެއީ ދައުލަތަށް އެންމެ ފައިދާވާނެ ގޮތަކަށް ނުވާތީކަމަށެވެ.
"ޚިދުމަތުގައި 5 މަސް ވީއިރު، ބައެއް މަސްމަހު އެންމެ ދަތުރެއްވެސް ނުކޮށް އެބައޮތް. އެހެންވީމަ އަޅުގަނޑާ ހެލްތް މިނިސްޓަރު ރައީސްއަށް އެ ޑޭޓާތައް ހުށައެޅުއްވީމަ، ރައީސް ވިދާޅުވީ ޓެކްނިކަލީ ބެލުމަށްފަހު ޚިދުމަތަށް ބުރުލެއް ނާރާގޮތަށް، ސީ ޕްލޭން ކޮމާޝަލް ދަތުރުތަކުގައި ބޭނުންކުރުން މައްސަލައެއް ނެތްކަމަށް." ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސީ ޕްލޭން އާއްމު ޚިދުމަތަށް ބަދަލުކުރިނަމަވެސް، ސިއްޙީ ކުއްލި ޙާލަތުގައި ދޭންޖެހޭ ޚިދުމަތަކީ، އެ ދުވަހެއްގެ ޝެޑިއުލުން އެންމެ އިސްކަންދޭންޖެހޭ ޚިދުމަތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަމަށެވެ. އަދި އެކަން މޯލްޑިވިއަންއަށް ލިޔުމުންވެސް އަންގާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ސަރުކާރުން ރައްޔިތުންގެ ލާބައާ މަންފާއަށް ފަށާފައިވާ މިފަދަ މުހިންމު ޚިދުމަތްތަކާ ގުޅޭގޮތުން، އިދިކޮޅު ސިޔާސީ ފިކުރުގައި ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަތަށް ނުދެއްކުމަށް އެދިވަޑައިގަންނަވާފައެވެ.