ޚަބަރު

ޑިފެންސް މިނިސްޓަރ، ޕާކިސްތާނުގެ ރައީސްއާ ބައްދަލުކުރައްވައިފި


ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިނާއި ބައްދަލުކުރައްވައިފިއެވެ.

ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ބައްދަލުވުމުގައި، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރާއި ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާއި، މި ގުޅުން އިތުރަށް ބަދަހުކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޕާކިސްތާނުގެ ރައީސްވަނީ ދެ ޤައުމަކީވެސް ދެ ޤައުމުގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ.

ޑިފެންސް މިނިސްޓަރ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ، އެ ޤައުމުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޑިފެންސް މިނިސްޓަރ އިއްޔެ ވަނީ ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފާއިވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދިފާޢީ ގުޅުމާއި ގުޅޭގޮތުންނާއި، ދިވެހި ޢަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި ގުޅޭގޮތުން ދެބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.